
މި ފެށޭ އެޕްރީލް މަހަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މި ދުވަސްވަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނުވާ ސަބަބުތަކާއި، ހޫނުން ރައްކާތެރިވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ.
ހޫނުމިން މަތިވާން މެދުވެރިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ހުސައިން ވަހީދު ވިދާޅުވީ، މި ދުވަސްވަރު އުޑުމަތީގައި ވިލާ މަދުވެފައި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް (ހިއުމިޑިޓީ) މަތީގައި ހިފަހައްޓާ ކަމަށެވެ. މީގެ ސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ އިންސާނާގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް، ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް އާދަޔާ ޚިލާފަށް ހޫނުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން، މި ދުވަސްވަރު ހޫނުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ފެން ބުއިމަށާއި، އަވީގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްޙީ މާހިރުންނާއި މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

