ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު 1-1 ގެ ނަތީޖާއަކުން ނޭޕާލް ކައިރިން އެއްވަރުވެ، ރާއްޖެ މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 3-2 ގެ ނަތީޖާއަކުން ރާއްޖެ ސްރީ ލަންކާ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ބޫޓާން ކައިރިން 0-0 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު، ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުތްއިރު ރާއްޖެއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރުމަށް ރާއްޖެއަށް ނޭޕާލް ބަލިކުރަން މަޖުބޫރުވިއިރު، އެ ޓީމާއެކުވެސް އެއްވަރުވެ ރާއްޖެ ވަނީ ކަޓާފައެވެ. ރާއްޖެއަށް ތިން މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އިއްޔެގެ މެޗު އެއްވަރުވުމާއެކު، ނޭޕާލަށް ވަނީ 10 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ލިބިފައެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރާއްޖެއިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އީތަން އިބްރާހިމް ޒަކީ ދިން ޕާހަކުން، ކެޕްޓަން މުހައްމަދު އިލާން އިމްރާން ވަނީ ލަނޑެއް ޖަހައި ރާއްޖެއަށް ކުރިހޯދަދީފައެވެ.
މިއަހަރުގެ މުބާރާތުގައި ރާއްޖެއިން ކާމިޔާބުކުރި ތިން ލަނޑުވެސް ޖެހީ އިލާން އެވެ.
ރާއްޖެއިން މެޗު ކާމިޔާބުކޮށް، ސެމީގެ އުއްމީދު އައުކުރުމަށް މަސައްކަތް ކުރި ނަމަވެސް، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ނޭޕާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ސުބާޝް ބަމް ނަގައިދިން ބޯޅަ، ނިޝާން ރާޖް ލަވަތު ވަނީ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

