އަންނަމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އަދި މީދޫގެ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޚާއްޞަ ބަހުސެއް "ރާއްޖެ ޓައިމްސް" އިން އިންތިޒާމްކޮށްފިއެވެ.
ރާއްޖެ ޓައިމްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މީދޫގައި ހުންނަ ސ. ޝަމްސުއްދީން ސްކޫލުގައެވެ. މި ބަހުސަކީ އެ ދާއިރާތަކުގެ ތަރައްޤީއަށް ކެނޑިޑޭޓުން ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ބަހުސްއެކެވެ.
މި ބަހުސް ކުރިއަށްދާނެ ގޮތުގެ ތާވަލަށް ބަލާއިރު، ހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ބަހުސް އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ރެއެވެ. އަދި މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ ރެއެވެ.
މި ފޯރިގަދަ ބަހުސްތައް ހުށަހަޅައިދެއްވާނީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު އިމާދު ލަޠީފުއެވެ.
މި ބަހުސްގެ ސަބަބުން ކެނޑިޑޭޓުންގެ ސިޔާސަތުތަކާއި، ދާއިރާއަށް ހުރި ކަންބޮޑުވުންތަކަށް އެ ބޭފުޅުން ގެންގުޅުއްވާ ޙައްލުތައް ބަލައިލުމުގެ ފުރުޞަތު ދާއިރާގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. "ރާއްޖެ ޓައިމްސް" އިން އަންނަނީ މި ބަހުސް އެންމެ ފުރިހަމައަށް ގެނެސްދިނުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

