ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނީ އެކަން ހިތުގެ އަޑިން ގަބޫލުކުރާ އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫގައި މިމަހުގެ 25 ވަނަ ދުވަހުގެރޭ ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، އެ ނިޒާމު ހަރުދަނާކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ރަށްރަށް ހިންގުމުގައި ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރެވޭނީ އެކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ހިތުގެ އަޑިން ގަބޫލުކުރާ ބަޔަކަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެންމެ އަސާސީ އެއް ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި ރައީސް ޞާލިޙު އިއްޔެ ވަނީ ހުޅުދޫ އާއި މީދޫގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތްތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ޒިޔާރަތްތަކެކެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ކެނޑިޑޭޓުންނަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ހާމަކޮށްދެއްވާފައެވެ.
ޚަބަރާއި ގުޅޭފޮޓޯތައް: ލުބުނާ މަޖީދުމު މުޚްތާރުގެ ފޭސްބުކްޕޭޖުން




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

