މިއަހަރުގެ ބަރަކާތްތެރި ފިތުރު އީދުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ މެދުގައި ބޭއްވުނު ފޯރިގަދަ އެކުވެރިކަމުގެ ފުޓްސަލް މެޗު މީދޫ ޓީމުން ކާމިޔާބުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އިންތިޒާމްކުރެއްވި މި މެޗު ކުޅެވުނީ އީދު ދުވަހުގެ ރޭ ހުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ.

މި މެޗު ޝަރަފްވެރިކޮށްދެއްވީވެސް މެންބަރު މުހައްމަދު ޝާހިދެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މި މެޗު މީދޫ ޓީމުން ކާމިޔާބުކުރީ 5-1 ގެ ބޮޑު ތަފާތަކުންނެވެ.
މުޅި މެޗަށް ބަލާއިރު، ހުޅުދޫ ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން އުންމީދު ކުރިވަރުގެ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، މީދޫ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ތަފާތު މޮޅު ކުޅުމެކެވެ. ވަކިން ހާއްސަކޮށް، މީދޫ ޓީމުގެ ޒާމިލް އާއި ޒާލިފްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއި އެ ކުޅުންތެރިންގެ މެދުގައި އޮތް ފުރިހަމަ ކޮމްބިނޭޝަން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
މީދޫ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ޒާމިލް އަދި ޒާލިފް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އައްޒާން އެވެ.
ހުޅުދޫ ޓީމަށް މި މެޗުގައި ޖެހުނު ހަމައެކަނި ލަނޑު، އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަލްކު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މީދޫ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީ، މޮޅު ކުޅުމެއް ދެއްކި ޒާމިލް އެވެ.
މެޗުގެ ކުޅުން ނިމުމަށްފަހު، ދެ ޓީމުގެ ކުޅުންތެރިންނަށާއި ރެފްރީންނަށް މެޑަލް އަދި ޝީލްޑް ބެހުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މެޑަލް އާއި ޝީލްޑް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހުމާން މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން މެޗު ބައްލަވާލެއްވުމަށް ވަޑައިގެން ތިއްބެވި އިއްޒަތްތެރި މެހުމާނުންނެވެ.
މި ރަސްމިއްޔާތުގައި، ހުޅުދޫގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުރީގެ ކުޅުންތެރިޔާ އަލީ މުހައްމަދު، ފުޓްބޯޅައިގައި ހުޅުދުއަށް ހޯދައިދީފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، އޭނާއަށް ޚާއްސަ ޝީލްޑެއް ޝާހިދުގެ ފަރާތުން ވަނީ އަރުވާފައެވެ.
މެންބަރު ޝާހިދުގެ އިސްނެންގެވުމާއެކު ބޭއްވުނު މިމެޗްގެ ސަބަބުން، ދެ އަވަށުގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިވެގެންދާނެކަން ކަށަވަރެވެ.






ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

