މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ މިހާރުގެވެސް ކައުންސިލަރު އާމިނަތު ސާލިހާ، މީދޫގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ހޯދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފިއެވެ. ސާލިހާ މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރޭ މީދޫގައި ބޭއްވި ބާބަކިއުއާއި ލެންޓަން އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފާއިތުވި 5 އަހަރުގެ ހިންގުމުގެ ތަޖުރިބާއާއެކު މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ސާލިހާ ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި އަމިއްލަ މިނިވަން ބަޖެޓަކާއި އިދާރީ މިނިވަންކަމަކާއެކު ކައުންސިލް ހިންގައިދޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް މީދޫ ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސާލިހާގެ ވާހަކަފުޅުގައި، އޭނާއާއި އޭނާގެ ޓީމު ބަލިކަށިކޮށްލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާއަކީ ސަރުކާރުން އެއްލާލާފައިވާ މީހެއް ކަމަށާއި، ޕާޓީގެ މީހެއް ނޫން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ "ހުސްހޮޅި" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ސާލިހާ ވިދާޅުވީ، އޭނާއަކީ ސަރުކާރުން ބަލައިގެންފައިވާ، ފާއިތުވި 5 އަހަރު އިޚްލާޞްތެރިކަމާއެކު ޕާޓީގައި ދެމިހުރި މީހެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ކޮރަޕްޝަނެއްގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
ނިމިދިޔަ ދައުރުގައި ކުރިމަތިވި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސާލިހާ ވިދާޅުވީ، ލިބުނު ކުޑަ ބަޖެޓާއި އިދާރީ ގޮތުން ކުރިމަތިވި ފިއްތުންތަކާ އެކުވެސް ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ސީދާ ސަރުކާރުގެ މައި އިދާރާތަކާ މުއާމަލާތް ކުރުމުގެ ފުރުސަތު ކައުންސިލަށް ނެތް ނަމަވެސް، ސަރުކާރާ އޮތް ގާތް ގުޅުމުގެ ބޭނުން ހިފައިގެން ރަށުގެ ކަންކަމުގައި ވަކާލާތުކޮށް ކާމިޔާބީތަކެއް ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ކޮންމެ ދުވަހަކު ހިތަދޫއަށް ގޮސް، ކައުންސިލްގެ ކޮންމެ ރޫމެއްގައި ޓަކިޖަހައިގެން ރައްޔިތުންގެ އިހުސާސްތައް ދަނެގެން މަސައްކަތް ކުރީ. އެ އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާ މިއަދު ތިޔަބޭފުޅުންގެ ކުރިމަތިން އެ ފެންނަނީ،"
ސާލިހާ ވިދާޅުވިއެވެ.
ސާލިހާ އިތުރަށް ވިދާޅުވީ އޭނާ ކުރިމަތިލައިގެން ހުރީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި، ހަމައެކަނި ރަށަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން މީދޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. ސަރުކާރާ ގުޅުންހުރި ކެނޑިޑޭޓުންނާއެކު މަސައްކަތް ކުރުމަކީ ރަށުގެ ތަރައްޤީއަށް ލިބޭނެ ބޮޑު ފަސޭހައެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ސާލިހާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް، މީދޫގެ ރައްޔިތުންގެ ހައްގުގައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

