މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމަށްފަހު، މުސްލިމުންނަށް ބައްދަލުކުރި އުފާވެރި ފިތުރު އީދު ދުވަހެވެ. މި އުފާވެރި މުނާސަބާގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ. މިއީ މުޅި އިސްލާމީ އުންމަތަށް އައިސްފައިވާ އުފާވެރިކަމާއި އެކުވެރިކަމުގެ ދުވަހެކެވެ.އީދު ދުވަހަކީ މުސްލިމުންނަށް މާތް ﷲ ދެއްވާފައިވާ ވަރަށް މަތިވެރި ހަދިޔާއެކެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ މަދީނާއަށް ހިޖުރަކުރެއްވި އިރު، މަދީނާގެ އަހުލުވެރިން ކުޅިވަރުކުޅެ އުޅޭ ދެ ދުވަހެއް އޮތެވެ. އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވީ، އެ ދެ ދުވަހުގެ ބަދަލުގައި މާތް ﷲ މުސްލިމުންނަށް މާ ރަނގަޅު ދެ ދުވަހެއް ދެއްވައިފި ކަމަށެވެ. އެއީ ފިތުރު އީދު ދުވަހާއި އަޟްޙާ އީދު ދުވަހެވެ. އެހެންކަމުން މިއީ މާތް ﷲ ގެ ހަޟްރަތުން މުސްލިމުންނަށް ދެއްވި މަތިވެރި އިނާމެކެވެ.
އީދު ދުވަހުގެ އެންމެ މުހިންމު އެއް ކަމަކީ އީދު ނަމާދެވެ. އީދު ނަމާދު ފަރުޟުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ. މިއީ މުސްލިމުންގެ އެއްބައިވަންތަކަން ހާމަކޮށްދޭ، އަދި މާތް ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން އަދާކުރެވޭ މަތިވެރި އަޅުކަމެކެވެ. މި ނަމާދަކީ މުސްލިމުން އެއް ތަނަކަށް ޖަމާވެ، އެކަކު އަނެކަކާ ސަލާމްކޮށް، ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ.
މި އުފާވެރި ދުވަހުގައި، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމުގެ ގުޅުން ވަރުގަދަކޮށް، ފަގީރުންނާއި ނިކަމެތިންގެ މަތިން ހަނދާންކޮށް، މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ހުރިހާ ބޭފުޅުންނަށްވެސް ބަރަކާތްތެރި، އުފާވެރި ފިތުރު އީދަކަށް އެދެމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

