ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި އައްޑޫމީދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންނާއި، ޕީއެންސީގެ އައްޑޫމީދޫ ދާއިރާގެ ރައީސް އަޙްމަދު ނިޔާޒުގެ ފަރާތުން މީދޫގެ ރައްޔިތުންނަށް ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ.
ފިތުރު އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތްތައް އޮންނާނީ 20 މާރޗް 2026 ވާ ހުކުރު ދުވަހުގެ ރޭ (އީދު ދުވަހުގެ ރޭ) މީދޫ ބަނދަރު ސަރަހައްދުގައެވެ.
މި ހަރަކާތުގެ ތެރޭގައި މީދޫގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ޚާއްޞަ ބާބަކިއުއަކާއި، ލެންޓަން އެރުވުމުގެ ކުލަގަދަ ހަރަކާތެއް ކުރިއަށްދާނެއެވެ.

މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ފިތުރު އީދުގެ މުނާސަބާގައި ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިކުރުމެވެ. އަދި އީދުގެ އުފާވެރިކަން އެކަކު އަނެކަކާ ހިއްސާކޮށް، އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުމެވެ.
ޕީއެންސީގެ ދާއިރާ ރައީސް އަޙްމަދު ނިޔާޒާއި ކެނޑިޑޭޓުންގެ ފަރާތުން އެދިލައްވަނީ، އީދު ދުވަހުގެ ރޭ ބޭއްވޭ މި އުފާވެރި ހަރަކާތުގައި މީދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމެވެ.
މި ހަރަކާތަކީ މުޅި ރަށަށް ހުޅުވާލެވިގެން ބާއްވާ، ރަށުގެ އިޖުތިމާޢީ ރޫޙު އާލާކޮށްދޭނެ މުހިންމު ހަރަކާތަކަށް ވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން އުއްމީދު ކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

