އީދަކީ މާތްﷲ މުސްލިމުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެކެވެ. ރަމަޟާން މަހުގެ ބަރަކާތްތެރި ރޯދަތަކަށްފަހު، މުސްލިމުންނާ ބައްދަލުކުރާ ފިޠުރު އީދަކީ އުފާފާޅުކުރުމާއި، އެކަކު އަނެކަކަށް މަރުޙަބާ ކިޔުމާއި، ގުޅުންތައް ބަދަހިކުރުމުގެ ދުވަހެކެވެ. ނަމަވެސް، މި އުފާފާޅުކުރުންތަކުގެ ތެރޭގައި އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ މުހިންމު ކަންތައްތަކެއްވެއެވެ.
އީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި، އަޅުގަނޑުމެން ރަމަޟާންމަހުގެ ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ކުރި މަތިވެރި އަޅުކަންތައްތައް ބާޠިލްވެގެންދާ ފަދަ އެއްވެސް ކަމަކަށް އަރައިގަނެގެން ނުވާނެއެވެ. ރަމަޟާން މަހު އަޅުގަނޑުމެން ހިފި ރޯދައާއި، ކުރި ނަމާދުތަކާއި، ދިން ޞަދަޤާތުގެ ސަވާބު ގެއްލިގެންދާނޭ ފަދަ ފާފަތަކަށް އަރައިގަންނަ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އީދުގެ އުފަލަކީ މާތްﷲ އަށް އުރެދުމަށް ލިބޭ ފުރުޞަތެއް ނޫނެވެ.
އަޅުގަނޑުމެން އީދުގެ އުފާ ފާޅުކުރަންޖެހޭނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ހުއްދަކުރެއްވި ޝަރުޢީ ދާއިރާއާއި ޝަރުޢީ އިމުގެ ތެރޭގައެވެ. އިސްލާމްދީނުގެ ރިވެތި އަދަބުތަކާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތަށް ކުޅިވަރުތަކާއި އުފާފާޅުކުރުންތައް ބޭއްވުމަކީ ދީން ހުއްދަކުރާ ކަމެކެވެ. މިގޮތުން އާއިލީ ގުޅުންތައް ބަދަހިކުރުމާއި، ފަގީރުންނަށް އެހީތެރިވުމާއި، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކުރުމަކީ އީދުގެ ރޫޙެވެ.
އަޅުގަނޑުމެންގެ އަމަލުތައް މި ދެންނެވި ޝަރުޢީ އިމުގެ ތެރޭގައި ބަހައްޓައިފިނަމަ، އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަކީ އަބަދުވެސް ހެޔޮކަމުގެ ތެރޭގައިވާ ބަޔަކު ކަމުގައި ވެގެންދާނެއެވެ.
އީދުގެ އުފާވެރިކަން ފުރިހަމަވާނީ މާތްﷲ ގެ ރުހިވޮޑިގަތުން ލިބޭނޭ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ އަމަލުތައް ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ރައްކާތެރިވެ، ދީނީ ހަމަތަކުގެ މަތީގައި އީދު ފާހަގަކުރުމަށް އިސްކަންދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

