މާތްވެގެންވާ ރަމަޟާން މަހަކީ މުސްލިމް އުންމަތަށް ލިބުނު މަތިވެރި ނިޢުމަތެކެވެ. ރަޙްމަތާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުމުގެ މޫސުމެވެ. ނަމަވެސް، ކޮންމެ ފެށުމަކަށް ނިމުމެއް އޮންނަ ފަދައިން، މި ބަރަކާތްތެރި މަސް މިހާރު މިވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ.
ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެންދިޔައިރު، އެ މަސް ބުނާ ކަހަލައެވެ.
"އަހަރެން މިދިޔައީއެވެ! ތިބާއަށް ހެޔޮކަންކަމުގެ ދޮރުތައް ހުޅުވައިދީ، އަޅުކަމުގެ ފޮނިކަން އިޙްސާސްކޮށްދީފީމެވެ. އަހަރެން ދިޔަ ކަމުގައިވިޔަސް، ތިބާގެ އީމާންތެރިކަން ބަލިކަށިވިޔަ ނުދޭށެވެ!"
މިއީ ކޮންމެ މުސްލިމަކު މިއަދު ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ރަމަޟާން މަހު އަޅުގަނޑުމެން އަޅުކަމަށް ބެހެއްޓި ފަރުވާތެރިކަމާއި، ދޫނުކޮށް ކުރި ހެޔޮ އަމަލުތައް، އެ މަސް ނިމުމުން ހުއްޓާލައިގެން ނުވާނެއެވެ.
ރަމަޟާންމަސް އަޅުގަޑުމެންނަށް ވަދާއު ކިޔާފައިވާއިރު ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހެއެވެ. ރަމަޟާން މަހުން ލިބިގަތް ތަރުބިއްޔަތާއި، ކެތްތެރިކަމާއި، ތަޤުވާވެރިކަން ކުރިއަށް އޮތް މަސްތަކުގައި ދެމެހެއްޓޭނެ ހެއްޔެވެ؟ މަސް ނިމިގެން ދިޔަސް، އެ މަހުގެ ރައްބު ދިރިދެމިވޮޑިގެންވެއެވެ. އެހެންކަމުން، ރަމަޟާން މަހުގައި ހިފެހެއްޓި ހެޔޮ އާދަތަކުގައި ސާބިތުވެ ތިބުމަކީ އީމާންތެރިކަން ވަރުގަދަ ކުރުމަށް އޮތް އެންމެ ބޮޑު މަގެވެ.
އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ، މި ފާއިތުވެދިޔަ ބަރަކާތްތެރި ދުވަސްތަކުގައި އަޅުގަނޑުމެން ކުރި އަޅުކަންތައް މާތް ﷲ ޤަބޫލުކުރެއްވުމެވެ. އަދި އީމާންތެރިކަން ބަލިކަށިވިޔަ ނުދީ، ސީދާވެގެންވާ މަގުގައި އަޅުގަނޑުމެން ސާބިތުކޮށްދެއްވުމެވެ.
ޔާ ﷲ! އަންނަ އަހަރުގެ ރަމަޟާން މަހާ ހަމައަށްވެސް އަޅަމެން ހެޔޮހާލުގައި ވާސިލްކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް އިތުރު ފުރުޞަތުތަކެއް ދެއްވައި، ފާފަފުއްސެވިގެންވާ އަޅުންގެ ތެރޭގައި ލައްވާނދޭވެ! އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

