މާދަމާ ފާހަގަކުރާ ބަރަކާތްތެރި ފިތުރު އީދަކީ އައްޑޫސިޓީ މީދޫގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ޚާއްޞަ ދުވަހެކެވެ. މީދޫގެ ހަތަރު މިސްކިތެއްގައި މާދަމާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ތިން މިސްކިތެއްގެ އިމާމުވެ ނަމާދުކުރައްވާނީ މީދޫގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މެންބަރުންނެވެ. މިއީ މީދޫގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ މަންޒަރެކެވެ.
މިގޮތުން މާދަމާގެ އީދު ނަމާދުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު:
މަސްޖިދުލް އިބްރާހިމް މަޖުދުއްދީން: މި މިސްކިތުގައި އީދު ނަމާދު އިމާމުވެ ކުރައްވާނީ އަލްފާޟިލް މުހައްމަދު ރަޝީދެވެ.
މާމިސްކިތް: މީދޫގެ އެންމެ ތާރީޚީ އެއް މިސްކިތް ކަމަށްވާ މާމިސްކިތުގައި އިމާމުވެ ނަމާދުކުރާނީ އާއިލާގެ އެންމެ ޒުވާން ހަޠީބު، ވާއިލް އިބްރާހިމް ރަޝީދެވެ.
މަސްޖިދުލް ތަޒުކިރާ: މި މިސްކިތުގައި އީދު ނަމާދުގެ އިމާމުވެ ކުރައްވާނީ އަލްފާޟިލް އަހުމަދު ރަޝީދެވެ.

މި ތިން ބޭފުޅުންނަކީވެސް ދީނީ ކަންކަމަށް ލޯބިކުރައްވާ، އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. ވަކިން ޚާއްޞަކޮށް، ޒުވާން ހަޠީބެއްގެ ގޮތުގައި ވާއިލް އިބްރާހިމް ރަޝީދު މި މުހިންމު ދައުރު އަދާކުރެއްވުމަކީ ރަށުގެ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.
މީދޫގެ ގިނަ ރައްޔިތުން މިކަން ސިފަކުރަނީ އެ އާއިލާއަށާއި މުޅި ރަށަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައެވެ. މާދަމާގެ މި ތާރީޚީ އީދު ނަމާދަކީ މީދޫގެ އިލްމީ އަދި ދީނީ ތާރީޚުގައި އަބަދުމެ ހަނދާން އައުކުރެވޭނެ ދުވަހަކަށް ވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

