މިއަދުގެ ދުނިޔޭގައި ސްމާޓްފޯނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަޔެވެ. ހޭލާ ހުންނަ ކޮންމެ ވަގުތަކު ބޭނުންކުރެވޭ މި ކުޑަކުޑަ ފޯނަކީ އޭގެ ޒާތުގައި ބައެއްފަހަރު ތޫނު ވަޅިއެއް ފަދަ އެއްޗެކެވެ. ވަޅިއަކީވެސް ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ފައިދާހުރި އެއްޗެކެވެ. ނަމަވެސް، ނުބައި ގޮތުގައި ބޭނުންކޮށްފިނަމަ އެއީ ފުރާނައަށް ނުރައްކާވާ ފަދަ ހަތިޔާރެކެވެ. ފޯނަކީވެސް ހަމަ އެފަދައިން، ބޭނުންކުރާ ގޮތެއްގެ މައްޗަށް ބިނާވެ، ސުވަރުގެ ނުވަތަ ނަރަކައަށް މަގުދައްކައިދޭ ވަސީލަތަކަށް ވެދާނެ އެއްޗެކެވެ.
ފޯނުގެ ޒަރިއްޔާއިން ހެޔޮކަންކަން ފެތުރުމަކީ މާދަމާ ގިޔާމަތް ދުވަހުގައި ސުވަރުގޭގެ މަތިވެރި ދަރަޖަ ލިބުމަށް މަގުފަހިވާނެ ކަމެކެވެ. މިއަދު އަޅުގަޑުމެންގެ އަތުގައި މިއޮތް ފޯނަކީ ރަހިމުގެ ގުޅުން ބަދަހިކުރުމަށާއި، ދުރުގައި ތިބި ތިމާގެ މީހުންނާއި ރަހުމަތްތެރިންގެ ހާލުބެލުމަށް އޮތް ރަނގަޅު ފުރުސަތެކެވެ. ހަމައެހެންމެ، ދީނީ އިލްމު ފެތުރުމަށާއި، މީސްމީޑިއާގެ ޒަރިއްޔާއިން ހެޔޮ ނަސޭހަތާއި މައުލޫމާތު ފޯރުކޮށްދިނުމަކީ ކުރެވިދާނެ ވަރަށް ބޮޑު ހެޔޮކަމެކެވެ.
މީހުންނަށް އެހީތެރިވުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ އަތެއް ދިއްކޮށްލުމަށް ފޯނު ބޭނުންކުރުމަކީ މިއަދު ވަރަށް ފަސޭހަ ކަމެކެވެ. މިފަދަ ކޮންމެ ހެޔޮ އަމަލަކީ އާޚިރަތް ދުވަހު އަޅުގަނޑުމެންގެ ތިލަފަތް ބަރުކޮށްދޭނެ ކަންކަމެވެ.
ފޯނު ނުބައިގޮތުގައި ބޭނުންކޮށްފިނަމަ ހިތާމަޔަކީ އޭގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެގެންދާ ދިއުމެވެ. ދޮގު ވާހަކަތަކާއި ފިތުނަ ފެތުރުމަށް ފޯނު ބޭނުންކުރުމަކީ މިއަދު އާންމު ކަމަކަށް ވެއްޖެއެވެ. މީގެ އިތުރުން، މާތްﷲ ހަރާމްކުރެއްވި ނުބައި ފާހިޝް މަންޒަރުތައް ބެލުމާއި، މީހުންގެ އަބުރާ ބެހުމަށް މި ކުޑަކުޑަ ފޯނު ބޭނުންކުރާނަމަ، އެކަން ވެގެންދާނީ މާދަމާ ގިޔާމަތް ދުވަހުގައި އަޅުގަނޑުމެން ނަރަކައަށް ވަންނަންޖެހޭ ސަބަބަކަށެވެ.
ފޯނުގެ ޒަރިއްޔާއިން ކުރެވޭ ފާފައަކީ ގިނަ ފަހަރަށް ފެތުރިގެންދާ ފާފައެކެވެ. އެކަކު ފޮނުވާލާ ނުބައި މެސެޖެއް ނުވަތަ ފޮޓޯއެއް، އެތައް ހާސް ބަޔަކަށް ފެތުރިގެން ދާއިރު، އެ ހުރިހާ ފާފައެއްގެ ބުރަ އުފުލަންޖެހޭނީ އެކަން ފެށި މީހަކަށެވެ. މިއީ އިންސާނާ ހަލާކުގެ ތެރެއަށް ވައްޓާލާނެ ބޮޑުވެގެންވާ މުސީބާތެކެވެ.
އަޅުގަޑުމެންގެ އަތުގައި މިއޮތް ފޯނަކީ އަޅުގަނޑުމެންގެ އަމަލުތައް ލިޔެވި، ހިސާބު ބެލެވޭނެ ވަސީލަތެކެވެ. އެހެންކަމުން، މި ފޯނަކީ އަޅުގަނޑުމެން ނަރަކައަށް ވަންނަންޖެހޭ ސަބަބަކަށް ވިޔަނުދީ، ސުވަރުގެއަށް ވާސިލްވުމަށް އެހީތެރިވެދޭ ވަސީލަތެއް ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. ކޮންމެ ފަހަރަކު ފޯނަށް ފިތާލާ ފިތުމަކީ އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ހަދަމާ ހިނގާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

