އިސްލާމްދީނުގައި ފަރުޟު ފަސްނަމާދުގެ އިތުރުން، އެ ނަމާދުތަކާ ގުޅިގެން ކުރަން އަންގަވާފައިވާ ސުންނަތް ނަމާދުތަކަކީ ވަރަށް މަތިވެރި ދަރުމައާއި ސަވާބު އެކުލެވިގެންވާ އަޅުކަންތަކެކެވެ. މީގެ ތެރެއިންވެސް، ފަތިސްނަމާދުގެ ކުރިން ކުރެވޭ ދެ ރަކުއަތް ނުވަތަ ފަތިސްނަމާދުގެ އިހުސުންނަތަކީ އޭގެ މާތްކަން ބަޔާންކޮށް ކޮޅުން ނުލާނޭ ފަދަ މަތިވެރި އަޅުކަމެކެވެ.
ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްފުޅުތަކުން އެނގޭ ގޮތުގައި، ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކުއަތަކީ މުޅި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދެ ރަކުއަތެވެ. ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ. "رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا" މާނައީ: "ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކުއަތް މުޅިދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެން ހެޔޮކަން ބޮޑުވެގެންވެއެވެ."
މީގެ އިތުރުން، އެހެން ރިވާޔަތެއްގައި އެކަލޭގެފާނު ހަދީސް ކުރައްވާފައިވެއެވެ. "لهما أحب إلي من الدنيا جميعا" މާނައީ: " އެދެރަކުއަތް ތިމަން ކަލޭގެ ފާނަށް ދުނިޔޭގައިވާ އެހެންހުރިހާ އެއްޗަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެން ވެއެވެ"
މި މަތިވެރި ހަދީސްފުޅުތަކުގެ މާނައަށް ފުންކޮށް ވިސްނާލާއިރު، ދުނިޔޭގައިވާ އަގުބޮޑު ގެދޮރާއި، މުދަލާއި، ރަނާއި ރިއްސާއި، ފައިސާއާއި، އަދި އެންމެހާ މައުދަންތަކަށްވުރެ، ﷲ ސުބުހާނަހޫ ވަތައާލާގެ ހަޒުރަތުގައި މި ދެ ރަކުއަތުގެ އަގު މާ ބޮޑެވެ. މިއީ މުސްލިމް އަޅާއަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ދުނިޔޭގެ ވަގުތީ އުފަލާއި ޒީނަތްތެރިކަމަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން އިސްކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.
ފަތިސްނަމާދުގެ ސުންނަތުގެ ދެ ރަކުއަތުގައި މިފަދަ މަތިވެރި މާތްކަމެއް އެކުލެވިގެންވާނަމަ، ފަތިސްނަމާދު އޭގެ ވަގުތުގައި ޖަމާއަތުގައި އަދާކުރާ މީހަކަށް ލިބޭނެ ހެޔޮ ދަރުމައާއި ސަވާބާމެދު ތަސައްވަރުކޮށްލުން ހުއްޓެވެ. ޔަގީނުންވެސް އެމީހަކަށް ﷲ ސުބުހާނަހޫ ވަތައާލާ ގުނާ އަދަދު ނުކުރެވޭހާ ގިނަގުނަ ސަވާބާއި ދަރުމަ ދެއްވާނެއެވެ. އެހެނީ ފަރުޟު އަޅުކަމަކީ ސުންނަތް އަޅުކަމަށްވުރެ މާތްކަން ބޮޑު އަޅުކަމެކެވެ.
ވީމާ، އަޅުގަނޑުމެން ކޮންމެ މުސްލިމަކީވެސް ފަތިސްނަމާދުގެ އިހުސުންނަތުގެ ދެ ރަކުއަތަށް ވަރަށް ބޮޑަށް ރައްކާތެރިވާ ބަޔަކަށް ވާންޖެހެއެވެ.
ދުނިޔޭގެ އެންމެހާ މުދަލަކަށްވުރެ ހެޔޮކަން ބޮޑު މި އަޅުކަން ދޫކޮށްނުލައި، ކޮންމެ ދުވަހަކުވެސް ފަރުވާތެރިކަމާއެކު އަދާކުރުމަކީ އާޚިރަތުގެ ކާމިޔާބީ އެދޭ މީހާގެ ސިފައެކެވެ.
ﷲ އަޅުގަނޑުމެން އެންމެންނަކީ ނަމާދުތަކަށް ރައްކާތެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

