ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ކޮންމެ ފަރުދަކުމެ އިގްތިސާދު ކުރުމަށާއި، ހަރަދުތައް ކުޑަކުރުމަށް އިސްކަންދިނުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަރަންޓު އުފެއްދުމަށާއި ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ގޭބިސީތަކާއި އޮފީސްތަކުގައިވެސް ކޮންމެހެން ދިއްލަންޖެހޭ ބޮތްކެއް ނޫނީ ނުދިއްލުމަށާއި، ބޭނުންނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ނިއްވާލުމަކީ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
ކާބޯތަކެތި އިސްރާފުކުރުން މަދުކޮށް، ބޭކާރު ހަރަދުތަކުން ދުރުހެލިވުމަކީ އާއިލީ ބަޖެޓަށް ލިބޭނެ ބޮޑު ލުޔެކެވެ. މީގެ އިތުރުން، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުން މިއަދު ވަނީ މަޖުބޫރުވެފައެވެ. ރައްޓެހިކަމާއި ސިޔާސީ ނުފޫޒުން ހޯދާ ވަގުތީ ވަޒީފާތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ފައިދާކުރަނިވި މަސައްކަތްތަކަށް ނުކުތުން މުހިންމެވެ.
ޚާއްޞަގޮތެއްގައި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނުކުމެ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަކީ ގައުމުގެ އިގްތިސާދު ވަރުގަދަވެ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމެކެވެ.
އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނީ ކޮންމެ މީހަކުވެސް ތިމާގެ ފެންވަރުން ކުރެވެންހުރި ކަންކަން ކޮށްގެންނެވެ. ހަރަދުތައް ކުޑަކޮށް، އަމިއްލަ މަސައްކަތުން ފުދުންތެރިކަން އިތުރުކުރުމަކީ އުޖާލާ މުސްތަގުބަލަކަށް އޮތް އެންމެ ކުރު މަގެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

