އިސްލާމްދީނަކީ އިންސާނާގެ ޢިއްފަތްތެރިކަމާއި އަބުރުވެރިކަން ހިމާޔަތްކޮށްދޭ ފުރިހަމަ ދީނެކެވެ. މިގޮތުން އަންހެނުންގެ ޒީނަތްތެރިކަން ހިމާޔަތްކުރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ހިޖާބު އެޅުމަށް އަމުރުކުރައްވާފައެވެ. ހިޖާބަކީ ހަމައެކަނި ބޯމަތީގައި އަޅައިލެވޭ ފޮތިކޮޅެއް ނޫނެވެ. އެއީ މުޅި މީހާގެ އަޚްލާޤާއި، ހަށިގަނޑުގެ ނިވާކަން ހިމެނޭ ފުރިހަމަ ނިޒާމެކެވެ.
ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ހިޖާބުގެ މުހިންމުކަމާއި އެކަމަށް އަމުރުކުރައްވައި ވަހީކުރައްވާފައެވެ. سورة الأحزاب ގެ 59 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ:
﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا﴾
މާނައީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ އަންހެން ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުންތަކަށް ކަލޭގެފާނު ވިދާޅުވާށެވެ، އެކަނބަލުންގެ އެ ކަނބަލުންގެ ޖިލްބާބުތަކުން އެކަނބަލުން ނިވާވެގަންނާށެވެ. އެކަނބަލުންނަކީ (މިނިވަން ތަޤުވާވެރި އަންހެނުންކަން) އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
އެންމެހާ ލޮބުވެތި އުޚުތުންނޭވެ! އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒީނަތްތެރިކަން ފޮރުވަންޖެހޭ ހިޖާބަކީ އެއްވެސް ހާލެއްގައި ބޯމަތީގައި އަޅާ ކުޑަކުޑަ ފޮތިކޮޅަކަށް ކިޔާ ނަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ވަނާތައް ނިވާކުރުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރެއްވީތީ، އެ އިލާހަށް ފުރިހަމައަށް އަޅުވެތިވުމުގެ ގޮތުން ޒީނަތްތެރިކަން ވަންހަނާކުރުމެވެ. ހިޖާބަކީ އަންހެނާގެ ގަދަރާއި އިއްޒަތް އުފުލައިދޭ އައްޑަނައެކެވެ.
އެހެންކަމުން، ހިޖާބު އެޅުމަށްފަހު ހަށިގަނޑުގެ ވަނާތައް ފެންނަ ގޮތަށް ހެދުން އެޅުމާއި، ހިލޭ ފިރިހެނުންގެ ކުރިމަތީގައި ޒީނަތްތެރިކަން ކަޝްފުކުރުމަކީ ދީނީގޮތުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. ހަގީގީ ހިޖާބަކީ ހަށިގަނޑުގެ ބައްޓަން ނޭނގޭ ފަދަ ތަނަވަސް، ބޯ ހެދުމަކުން މުޅި ހަށިގަނޑު ނިވާކުރުމެވެ.
މިއަދުގެ ދުނިޔޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހަށިގަނޑުގެ ވަނާތައް ފެންނަ ގޮތަށް ފޮޓޯއާއި ވީޑިއޯ އާންމުކުރުމަކީ ވަރަށް ބޮޑު ފިތުނައަކަށް ވަނީ ވެފައެވެ. މިފަދަ ގޮތްގޮތަށް ފޮޓޯ ދޫކޮށްލުމަކީ އިސްލާމީ ހިޖާބުގެ މަގްސަދާ ޚިލާފު، އަދި ފާފަވެރިވާނެ ކަމެކެވެ. އަޅުގަނޑުމެން އެފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ. ސޯޝަލް މީޑިއާއަކީ އަޅުގަނޑުމެންގެ ޢިއްފަތްތެރިކަން ނަގާލާ ތަނަކަށް ވެގެން ނުވާނެއެވެ.
ކޮންމެ މުސްލިމް އަންހެނަކީވެސް ﷲ އަށްޓަކައި އިއްފަތްތެރިވެ، ހެޔޮގޮތުގައި ދިރިއުޅުން ބައްޓަންކުރާ ކަނބަލަކަށް ވާންޖެހެއެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ފުރިހަމަ ގޮތުގައި ހިޖާބު އަޅައި، އަމިއްލަ ނަފްސު ރައްކާތެރިކުރާ ކަނބަލުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ގިޔާމަތް ދުވަހުގައި ސުވަރުގޭގެ މަތިވެރި މަގާމްތައް ދެއްވާނެކަން ކަށަވަރެވެ. އެހެންކަމުން، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި އިސްލާމީ ހިޖާބުގެ ފުރިހަމަ ސިފަ އަށަގަންނަވަމާ ހިނގާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

