ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކްރޫޒް ޓޫރިޒަމަކީ ފުޅާވަމުން އަންނަ ދާއިރާއަކަށް ވީނަމަވެސް، މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ފާހަގަކުރެވެއެވެ. މިކަމާ ގުޅޭގޮތުން އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ފިރާގު ވަނީ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވައި، ކްރޫޒް ޓޫރިޒަމް ޕޮލިސީ އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފިރާގު މިކަން ހާމަކުރައްވާފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ. އޭނާގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ މެދުތެރޭގެ ސަރަހައްދުތަކަށް ކްރޫޒް ލައިނަރުތައް ޒިޔާރަތްކުރުން މަދުކޮށް، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް މި ދާއިރާ ފުޅާކުރުމުގެ މައްޗަށެވެ.
ފިރާގު ވިދާޅުވި ގޮތުގައި، ކްރޫޒް ލައިނަރުތަކަށް ބޭނުންވާ ކްލިއަރެންސް ހެދުމުގެ ކަންކަން، ބައިނަލްއަގްވާމީ އެއާޕޯޓްތަކާއި އަސާސީ ވަސީލަތްތައް ގާއިމުވެފައިވާ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ބަދަލުކުރުމަށް ސިޔާސަތުތަކުން ހިތްވަރު ދޭންޖެހެއެވެ. މިހާރު މައިގަނޑު ގޮތެއްގައި މާލޭ ސަރަހައްދަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މާލޭ ސިޓީއާއި އެ ސަރަހައްދުގެ ތޮއްޖެހިފައިވާ ރަށްތަކަށް އެކަނި ފޯކަސް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އިގްތިސާދީ ފުރުސަތުތައް އެއްވަރަކަށް ބަހާލުމަށް މަގުފަހިވާނެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ހަގީގީ ރީތިކަމާއި، އެކި ސަރަހައްދުތަކުގެ ތަފާތު ސަގާފަތާއި ދިރިއުޅުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މާލޭ ސަރަހައްދަކީ މިހާރުވެސް އާދަޔާ ހިލަފަށް ތޮއްޖެހިފައިވާ ސަރަހައްދަކަށް ވުމުން، ކްރޫޒް ލައިނަރުތަކުން ފައިބާ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްފަހަރާ މާލެއަށް ޖަމާވުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ލިބޭނެއެވެ.
ފިރާގު ވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހަމަހަމަ ގޮތެއްގައި ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން މިކަމަށް ފުންކޮށް ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ. ކްރޫޒް ޓޫރިޒަމްގެ ސިޔާސަތަށް މިފަދަ ބަދަލެއް ގެނައުމަކީ މުޅި ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާ ކުރާނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

