އިނގިރޭސި ޕްރެމިއާލީގުގައި ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަށް ކުރާ މަސައްކަތުގައި މެންޗެސްޓަރ ޔުނައިޓެޑުން މުހިންމު މޮޅެއް ހޯދައި، ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ނަމަވެސް، މި ހަފުތާގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމާ ގުޅިގެން ޗެލްސީއަށް ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.
ހޯމަ ދުވަހު އެސްޓަންވިލާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ ކުޅުނު 30 މެޗުން 54 ޕޮއިންޓް ހޯދައި، ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. މި މެޗުން ބަލިވި އެސްޓަންވިލާއަށް 30 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިހާރު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ.
ޗެލްސީއަށް ކުރިމަތިވި ނާކާމިޔާބީ ފެނިގެންދިޔައީ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއާއެކު 30 މެޗުން 48 ޕޮއިންޓް ލިބިގެން ޗެލްސީ ތާވަލުގެ ހަވަނައަށް ވެއްޓިފައިވާއިރު، މެޗުން މޮޅުވި ނިއުކާސަލް އޮތީ 30 މެޗުން 42 ޕޮއިންޓާއެކު ތާވަލުގެ 9 ވަނާގައެވެ.
ލީގުގެ އެހެން މެޗުތަކަށް ބަލާއިރު، ހޯމަ ދުވަހު ލިވަޕޫލްގެ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ލިވަޕޫލަށް 30 މެޗުން 49 ޕޮއިންޓް ލިބިގެން ތާވަލުގެ ފަސްވަނަ ލިބޭއިރު، މި މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ޓޮޓެންހަމް އޮތީ 30 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ 16 ވަނާގައެވެ.
ޕްރެމިއާލީގުގެ ފޯރިގަދަވަމުން އަންނައިރު، ގަދަ ހަތަރެއްގެ ޖާގައަކަށް ޔުނައިޓެޑާއި، އެސްޓަންވިލާ އަދި ލިވަޕޫލްގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

