ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި އެރޭގެ ޢަލާމާތްތަކާ ގުޅޭގޮތުން ޝޭއިޚް ޠައްޔިބު ދެއްވި ދަރުސް
ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ގުނަމުންދާއިރު، އެ މަހުގެ އެންމެ ބަރަކާތްތެރި ރޭ ކަމުގައިވާ ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާއި އެރޭގެ ޢަލާމާތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި އައްޝައިޚް މުހައްމަދު ޠައްޔިބު މިއަދު ޚާއްޞަ ދަރުސެއް ދެއްވައިފިއެވެ. މި ދަރުސް ކުރިއަށް ގޮސްފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު، މީދޫ މާމިސްކިތުގައެވެ.
ޝައިޚްގެ ދަރުސް ފަށްޓަވަމުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަކީ އަޅުކަމުގައި ހީވާގިވާންޖެހޭ ރޭތަކެއްކަން ފާހަގަކުރައްވައި، އެ ރޭތަކުގައި ދުޢާކުރުން ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. އަދި އަޅުގަނޑުމެންގެ ޙަޔާތަށް ދެން މިފަދަ ރަމަޟާން މަހެއް އަންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށް ވިދާޅުވެ، ލިބިފައިވާ މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރެއްވިއެވެ.
ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެއީ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ތެރޭގައި ހިމެނޭ އެންމެ މާތް ރޭކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އެރޭގެ މާތްކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ (3) فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (4)" (ސޫރަތުއް ދުޚާން: 3-4). މާނައަކީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ: ކީރިތި ޤުރުއާން) ބާވާލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަހާލައްވައި ނިންމަވަނީ އެރޭގައެވެ."
ޝައިޚް ޠައްޔިބު އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ރަމަޟާން މަހުގެ 27 ވިލޭރޭއަކީ ލައިލަތުލްޤަދްރި ވިލޭރޭ ކަމުގައިވުމުގެ ފުރުޞަތު ބޮޑެވެ. ނަމަވެސް، އެރޭ ވަނީ ވަންހަނާ ކުރެވިގެން ކަމަށާއި، އެރޭ ހިމެނިގެންވަނީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައި ކަމަށް ޝައިޚް ވިދާޅުވިއެވެ. އެހެންކަމުން، އެ މާތް ރޭ ލިބިގަތުމަށްޓަކައި ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް ގަދައަޅައި މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ފަހު ދިހައިގެ ރޭތަކުގައި ސީޔާސީ ކެމްޕެއިންގެ ޖަގަތަކާއި ކުޅިވަރު ދަނޑުތަކުގައި ވަގުތު ހޭދަކޮށް އެރޭގެ ވަގުތުތައް ބޭކާރު ކޮށްނުލުމަށް ޝެއިޚް ސަނޭހަތް ތެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ފަހު ދިހައިގެ ރޭތަކުގައި ކިޔުމަށް ޚާއްޞަވެގެންވާ ދުޢާއެއް އޮންނަކަން ބަޔާންކޮށްދެއްވައި، އެ ދުޢާ ގިނަގިނައިން ކިޔުމަށް ޝައިޚް ނަޞޭޙަތްތެރިވިއެވެ. އެއީ "اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي" މި ދުޢާއެވެ.
މި ދަރުސް ނިންމަވާލައްވަމުން ޝައިޚް ވަނީ، މި ފުރުޞަތުގެ ބޭނުން ހިފައި، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

