ކޮންމެ އިންސާނަކަށްވެސް މި ބިމުގައި ކޮންމެވެސް މިންވަރެއްގެ ބާރަކާއި އިޚްތިޔާރެއް ދެއްވާފައިވެއެވެ. ބައެއް މީހުންނަށް މި ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފާއިރު، އަނެއް ބަޔަކު މި ބާރުގެ މަސްތުގައި ޖެހި، ދުނިޔޭގައި ބޮޑާވެގަނެ، ވަރުދައްކައި އުޅެއެވެ. ތާރީޚަށް ބަލާއިރު ފިރުއައުނަކީ މީގެ އެންމެ ބޮޑު މިސާލެވެ. އޭނާ ދުނިޔޭގައި އިންތިހާއަށް ބާރުގަދަވެ، އަމިއްލަ ނަފްސަކީ ކަލެއް ކަމަށް ދައުވާކުރިއެވެ. ނަމަވެސް، ސުވާލަކީ މިފަދަ ބާރެއްގައި ދެމިހުރެވުނީ ކިތައް ދުވަހު ހެއްޔެވެ؟ ކޮންމެ ބާރުގަދަ މީހަކަށްވެސް އެމީހެއްގެ ނިމުން އަންނާނެކަން މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ކޮންމެ ނަފުސަކީވެސް ދާދި އަވަހަށް މި ދުނިޔެއަށް އަލްވަދާއު ކިޔާނެ ނަފުސެކެވެ. މަރުގެ ވަގުތު އައިސް ޖެހުމުން، ތިމާގެ މުއްސަނދިކަމެއް، ބާރެއް ނުވަތަ މަގުބޫލުކަމެއް ތިމާއަށް އެހީތެރިއެއް ނުވާނެއެވެ. އެ ވަގުތު ތިމާއަށް ފައިދާއެއް ކުރާނެ ހަމައެކަނި އެއްޗަކީ ދުނިޔޭގައި އުޅުނުއިރު ކުރި ހެޔޮ އަމަލުތަކެވެ. ތިމާގެ އަޚްލާގާއި، މީހުންނަށް ކުރި އިހުތިރާމާއި، އިލާހީ އަމުރުފުޅުތަކަށް ކިޔަމަންތެރިވި މިންވަރެވެ.
މިއަދުގެ ދުނިޔޭގައި ސޯޝަލް މީޑިއާއަކީ ބައެއް ފަރާތްތަކުން ބޮޑާކަމާއި ފަޚުރުވެރިކަން ދެއްކުމަށް ބޭނުންކުރާ ވަސީލަތަކަށް ވަނީ ވެފައެވެ. ތިމާއީ އެންމެ ގަދަ، އެންމެ މަގުބޫލު، ނުވަތަ އެންމެ މައުލޫމާތު މުއްސަނދި މީހާ ކަމަށް ދައްކައިގެން، އެހެން މީހުންނަށް ފުރައްސާރަކުރުމަކީ އާންމު ކަމެކެވެ. ހަގީގަތާ ޚިލާފު ވާހަކަދައްކައި، މީހުންގެ އަބުރަށް އަރައިގަތުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫނެވެ. އެއީ ހަމައެކަނި ފާފަ އިތުރުވެ، މީހުންގެ މެދުގައި އޮންނަ ލޯތްބާއި އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.
ދޮގުވާހަކަ ފަތުރައި، މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ އިސްލާމްދީން ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމެކެވެ. ކީރިތި ގުރުއާނުގައި މިފަދަ މީހުންނަށް އިންޒާރު ދެއްވަމުން މާތް الله ވަނީ ވަރުގަދަ ވަޢީދު ބަސްފުޅުތައް ބާވައިލައްވާފައެވެ. ސޫރަތުލް ނޫރުގެ 19 ވަނަ އާޔަތުގައި މާތް الله ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އީމާންވި މީހުންގެ ތެރޭގައި ފާހިޝް ކަންތައްތަކާއި، ހުތުރުވެގެންވާ ވާހަކަތައް ފެތުރިގެންދިއުމަށް ލޯބިކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު ހުއްޓެވެ."
ވީމާ، ދުނިޔޭގެ ވަގުތީ ޖާހާއި އިއްޒަތަށް ހެއްލި، އެހެން މީހުންގެ ހިތްތަކުގައި ޖެއްސުމާއި ދޮގު މަޢުލޫމާތު ފެތުރުމުން ދުރުހެލިވާންޖެހެއެވެ. ހަގީގީ ކާމިޔާބަކީ ތިމާގެ ދުލާއި އަތުން އެހެން މީހުންނަށް އުނދަގުލެއް ނުފޯރުވައި، ހެޔޮލަފާ މީހެއްގެ ގޮތުގައި ދުނިޔެއިން ވަކިވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

