ދުނިޔޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ އަދި އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު ވަނީ މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރެއްވި ލިޔުމެއްގައި، އަވަށްޓެރި ޤައުމުތަކުގެ މީޑިއާތަކާއި ރާއްޖޭގެ ހާލަތާ އަޅާކިޔުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
ފިރާޤު ފާހަގަކުރެއްވި ގޮތުގައި، ސިންގަޕޫރާއި މެލޭޝިޔާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ މީޑިއާތަކަށް ބަލާއިރު ފެންނަނީ މުޅިން ތަފާތު ރާގަކާއި އުސޫލެކެވެ. ސިންގަޕޫރަކީ ދުނިޔޭގެ ނިސްބަތުން ވަރުގަދަ އަދި ހަރުދަނާ އިޤްތިސާދެއް އޮތް ޤައުމެއް ނަމަވެސް، އެ ޤައުމުގެ ބޮޑުވަޒީރު ގެންދަވަނީ ސީދާ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބު ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ މިހާރުގެ ހާލަތާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިސާދީ ގޮންޖެހުންތަކުގެ ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަވަމުން ގެންދަވާކަން ފިރާޤު ފާހަގަކުރެއްވިއެވެ.
މިކަމުން ދޭހަވަނީ، ކުރިމަތިވެދާނެ ދަތި ދުވަސްތަކަށް ރައްޔިތުން ތައްޔާރުކުރުމުގައި އެ ޤައުމުތަކުން ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތާއި ފިކުރީ ތެދުވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާއިރު، ގިނަ ބަޔަކަށް ހުރިހާ ކަމެއް ވަރަށް ރަނގަޅު ކަމުގެ މާބޮޑު ޔަޤީންކަމެއް ލިބިފައިވާ ފަދަ އިހުސާސެއް ކުރެވޭ ކަމަށް ފިރާޤު ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ކަންކަމުގައި އުންމީދީ ވިސްނުމެއް ގެންގުޅުމަކީ މުހިންމު ކަމެއް ނަމަވެސް، ހަޤީޤަތާ ކުރިމަތިލައި ރިއަލިސްޓިކް ވުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. މިވަގުތަކީ ހަމައެކަނި ބޭރުގެ އެހީތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، އަތުގައި ހުރި ވަސީލަތްތަކުން ބުއްދިވެރިކަމާއެކު ކަންކަން މެނޭޖްކުރަންޖެހޭ ވަގުތެވެ.
ނިންމާލަމުން ފިރާޤު ވިދާޅުވީ، ޔަޤީންކަމެއް ނެތް ދަނޑިވަޅުތަކުގައި ޒިންމާދާރުކަމާއެކު ރޭވުންތެރިވުމާއި ތައްޔާރުވުމަކީ އަބަދުވެސް ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ހަޤީޤީ ހާލަތަށް ރިއާޔަތްކޮށް ތައްޔާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

