މިސްކިތަކީ މުސްލިމުންގެ އެންމެ މަތިވެރި ތަންތަނުގެ ތެރެއިން ހިމެނޭ، ﷲ ސުބްހާނަހޫ ވަތަޢާލާ ހަނދުމަކޮށް ނަމާދު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަނެކެވެ. ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ވާޖިބެއް ކަމަށްވަނީ، ﷲ ގެ ގެކޮޅުގެ ހުރުމަތް ރައްކާތެރިކޮށް، ނަމާދު ކުރާ ފަރާތްތަކަށް ފުރިހަމަ ހިމޭންކަމާއި ހަމަޖެހުން ލިއްބައިދިނުމެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ކުދިން ނަމާދަށް ދިއުމަށް ފަހު، ނަމާދު ކުރާ ފަރާތްތަކަށް ތަކުލީފު ލިބޭ ގޮތަށް ސަކަރާތްޖަހާ، ދުވެ ހެދުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް، ބަރަކާތްތެރި ރަމަޟާން މަހުގެ ތަރާވީސް ނަމާދުގެ ތެރޭގައި މި ކަން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.
މި ރިޕޯޓްގެ ބޭނުމަކީ، ނަމާދަށް ދާ ކުދިން ސަކަރާތްޖެހުމުގެ ސ ސަބަބުން ދިމާވާ ގެއްލުންތަކާއި، ބެލެނިވެރިންގެ ޒިންމާ ހަނދާންކޮށްދީ، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި ކަން ގެނައުމެވެ.

ބައެއް ކުދިން ނަމާދަށް ދިއުމަށްފަހު، ޖަމާއަތުގެ ސަފުތަކުގެ އެންމެ ފަހަތުގައި ތިބެގެން ސަކަރާތްޖަހައި، ދުވެ، ހަޅޭލަވައި، ހެދުމުގެ ސަބަބުން ނަމާދު ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ތަކުލީފުތައް ލިބެމުންދެއެވެ. ނަމާދު ކުރާ ފަރާތްތަކަށް ކިޔެވެލި ކިޔެވުމާއި، ތަދައްރުއު ވުމާއި، ހިތްހަމަ ޖެހިގެން ﷲ ގެ ހަޟްރަތުގައި ތިބުމަށް ހުރަސް ތަކެއް ދިމާވެ، ނަމާދުގެ ހުޝޫއަތްތެރިކަމަށް ބުރޫ އަރަމުންދެއެވެ.
ސަކަރާތްޖަހާ ކުދިންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ތުއްތު ކުދިން ނޫން ކަމަށާއި، ތަންކޮޅެއް ބޮޑެތި، ހަރު ކުދިން ވެސް ހިމެނޭ ކަން ފާހަގަ ކުރެވެއެވެ. ހަރު ވިސްނުމެއް ހުންނަ ވަރުގެ ކުދިން ވެސް ތިމާ ހުރި ތަން ދެނެގަނެ، ﷲ ގެ ގެކޮޅުގައި ހިމޭންކަމާ އެކު ތިބުން ލާޒިމެވެ.
ރަމަޟާން މަހުގެ ތަރާވީސް ނަމާދަކީ ދިގު ވަގުތެއް ހޭދަ ކޮށްގެން ކުރާ ނަމާދެއް ކަމުން، ގިނަ ބެލެނިވެރިން ކުދިން ގޮވައިގެން ނުވަތަ ކުދިން ފޮނުވައިގެން ތިބެ، ކުދިން ހިފެހެއްޓުމަށް ސަމާލުކަން ނުދޭ ހާލަތްތައް ދިމާވެއެވެ. ނަތީޖާއަކަށް ވަނީ، ތަރާވީސް ނަމާދުގެ ތެރޭގައި ސަކަރާތްޖެހުން ވަރަށް ބޮޑަށް ފެތުރި، ނަމާދު ކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތައް ލިބިފައިވާ ކަމެވެ. ރަމަޟާން މަހަކީ ހެޔޮ ކަންތައްތައް ކުރުމަށް ހާއްސަ ކުރެވިފައިވާ، ﷲ ގެ ރަހްމަތާއި ބަރަކާތް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަންވީ ވަގުތެއް ކަމަށްވީ ހިނދު، ތަރާވީސް ނަމާދުގެ ތެރޭގައި ހިނގާ ސަކަރާތްތަކުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ ގޮތުން ލިބެންޖެހޭ ފައިދާ ގެއްލިގެންދާ ކަމީ ކަންބޮޑުވާ ކަމެކެވެ.
ކަމާ ބެހޭ ފަރާތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ބައެއް މިސްކިތްތަކުގެ އިމާމުން ތަކުރާރުކޮށް ނަސޭހަތް ދެއްވައި، ހިތްހެޔޮ ގޮތުގައި ކުދިންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރައްވާ ކަން ފާހަގަ ކުރެވެއެވެ. ނަމާދުގެ ކުރިންނާއި ތެރޭގައި ވެސް ކުދިންނަށް ނަސޭހަތް ދެއްވި ނަމަވެސް، ގިނަ ހާލަތްތަކުގައި ކުދިން ވަގުތީ ގޮތުން ހިމޭންވި ނަމަވެސް، ވަގުތުކޮޅެއްފަހުން ކުރިން ހިނގި ކަންތައްތައް ތަކުރާރު ވެއެވެ. ހަމައެހެންމެ، ބެލެނިވެރިން ގޭގައި ތިބޭ ހިނދު، ކުދިންނަށް ހިތްހެޔޮ ގޮތުގައި ވިސްނައިދޭ ފަރާތެއް ނެތި، ކުދިން ހިތު ހުރި ގޮތަކަށް ތިބެ ސަކަރާތްޖަހަމުންދެއެވެ.
ކުދިން ނަމާދަށް ދިއުމަކީ ހެޔޮ ކަމެކެވެ. ނަމަވެސް، ކުދިން ނަމާދަށް ފޮނުވުމަށް ފަހު، ގޭގައި ތިބެ ހިތްހަމަ ޖެހިގެން ތިބުމަކީ ބެލެނިވެރިންގެ ޒިންމާ ފުރިހަމަ ވީ ކަމަށް ބެލެވޭ ކަމެއް ނޫނެވެ. ކުދިން ދިއުމަށްފަހު، ނަމާދު ފުރިހަމަ ގޮތުގައި ކުރޭތޯ، ސަފުތަކުގައި ހިމޭންކަމާ އެކު ތިބޭތޯ ބެލެހެއްޓުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ.
ﷲ ގެ ގެކޮޅުގެ ހުރުމަތް ރައްކާތެރި ކުރުމަކީ ކޮންމެ ދިވެހި ކުއްޖަކަށް ވެސް ދަސްކޮށްދޭންވީ ކަމެކެވެ. ގެއިން ނިކުތުމުގެ ކުރިން ކުދިންނަށް، ﷲ ގެ ގެކޮޅުގައި ހިމޭންކަމާ ތަދައްރުއު ވެ ތިބުމުގެ މުހިންމުކަން ވިސްނައިދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ދީނީ ޒިންމާއެކެވެ.
ހާއްސަކޮށް ތަރާވީސް ނަމާދު ފަދަ ދިގު ނަމާދުތަކަށް ކުދިން ގޮވައިގެން ދިއުމަށް ބެލެނިވެރިން ސަމާލުކަން ދިނުން ވަރަށް ބޭނުންތެރިއެވެ. ކުދިން ގޮވައިގެން ދިއުމުން، ކުދިންގެ ހަރަކާތްތަކަށް ބެލެހެއްޓި، ނަމާދު ކުރާފަރާތްތަކަށް ތަކުލީފު ނުލިބޭ ގޮތަށް ކަންތައްތައް ބެލެހެއްޓޭނެއެވެ. ހަމައެހެންމެ، ކުދިންނަށް ނަމާދުގެ ރީތި ސިފަތައް ދަސްވެ، ﷲ ގެ ގެކޮޅުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ތަރުބިއްޔަތު ލިބިގެންދާނެއެވެ.
ﷲ ގެ ގެކޮޅަކީ ހިމޭންކަމާ ތަދައްރުއު ވުމާ އެކު، ﷲ ގެ ހަޟްރަތުގައި ތިބެ ނަމާދު ކުރާ ތަނެކެވެ. ނަމާދަށް ދާ ކުދިން ސަކަރާތްޖެހުމަކީ، ﷲ ގެ ގެކޮޅުގެ ހުރުމަތް ކެނޑި، ނަމާދު ކުރާ ފަރާތްތަކަށް ތަކުލީފު ލިބޭ ކަމެކެވެ. ވީމާ، ބެލެނިވެރިން ހަމައެކަނި ކުދިން ނަމާދަށް ފޮނުވުމަކުން ނުފުދެއެވެ. ކުދިން ﷲ ގެ ގެކޮޅުގައި ތިބެ ނަމާދު ފުރިހަމަ ގޮތުގައި ކުރޭތޯ، ﷲ ގެ ގެކޮޅުގެ ހުރުމަތް ރައްކާތެރި ކުރޭތޯ ބެލެހެއްޓުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ދީނީ ވާޖިބެކެވެ. ﷲ ތަޢާލާ، ދިވެހި ދަރިންނަކީ ﷲ ގެ ގެކޮޅުގައި ﷲ ގެ ދީނަށް ލޯބި ކުރާ ދަރިންތަކެއް ކަމުގައި ލެއްވުން އެދި ދުއާ ކުރަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

