ސ. ހުޅުދޫގައި މިއަދު ( މީގެ ކުޑައިރުކޮޅެއްކުރިން ) ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަރުވާ ދިނުމަށް ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހަޒާރު ގޯޅިން ބޮޑު މަގަށް ބައިސްކަލެއްގައި ދުއްވާފައި ނިކުތް މީހަކާއި، ބޮޑު މަގުގެ ދެކުނު ކޮޅުން އުތުރަށް ދުއްވާފައި އައި ސައިކަލެއް ޖެހިގެން ނެވެ.

އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސައިކަލް ދުއްވަން އިން، މަސް ފެކްޓްރީގައި މަސައްކަތް ކުރާ މަރަދޫ ފޭދޫ އަޒީޒަށެވެ. އަޒީޒުގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، ލޭ ވަރަށް ގިނައިން ލެވިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒީޒުގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި ސައިކަލްގެ ފަހަތުގައި އިން ހުސެން ރަޝީދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ބައިސްކަލް ދުއްވަން އިން އަލިތައްޚާންގެ ބޯފަޅައިގެންގޮސް އަލިތައްޚާނަށްވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައިވެއެވެ.
އެކްސިޑެންޓްގައި ގެއްލުން ލިބުނު ތިން މީހުންވެސް ހުޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

