މާތްވެގެންވާ ރަމަޟާން މަހަކީ މުސްލިމް އުންމަތަށް ލިބޭ އެންމެ ބޮޑު ރަޙުމަތެވެ. މި މަހުގެ ކޮންމެ ދުވަހަކާއި ކޮންމެ ރެޔަކީވެސް އަގުނުކުރެވޭ ފަދަ މަތިވެރި ދުވަސްތަކަކާއި ރޭތަކެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައަކީ ނަރަކައިން މުއްތިކުރެއްވުމުގެ ދުވަސްތަކުގެ ގޮތުގައި މާތް ނަބިއްޔާ ﷺ ވަނީ ޚަބަރު ދެއްވާފައެވެ. ނަމަވެސް، ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި މަތިވެރި ރޭތައް ކުޅިވަރާއި މަޖަލުގައި ހޭދަކުރުމުގެ ނޭދެވޭ އާދަތައް ވަނީ އަށަގަންނަން ފަށާފައެވެ.
ރަމަޟާން މަހުގެ ފަހު ދިހަ އެހެން ދުވަސްތަކަށްވުރެ ޚާއްޞަވަނީ އެ ރޭތަކުގެ ތެރޭގައި އެއްހާސް މަހަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭތީއެވެ. މާތް ނަބިއްޔާ ﷺ މި ރޭތަކުގައި އަޅުކަމުގައި ގަދައަޅައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. ރޭގަނޑުގެ ނިދި ދޫކޮށްލައްވައި، އަޅުކަމަށްޓަކައި ހަށިގަނޑު ތައްޔާރުކުރައްވައި، އަހުލުވެރިން އަޅުކަމަށް ހޭލައްވައެވެ. މިއީ އިޢުތިކާފަށް އިށީނުމާއި، ދަމުނަމާދު ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ގިނަގިނައިން ދުޢާކޮށް ފާފަފުއްސެވުމަށް އެދި ދަންނަވަން އޮތް ރޭތަކެކެވެ.
މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުގައި "ރަމަޟާން ކަޕް" ނުވަތަ އެކި ނަންނަމުގައި ފުޓްސަލް އަދި އެހެނިހެން ކުޅިވަރު މުބާރާތްތައް ރޭގަނޑު ބޭއްވުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ބަރަކާތްތެރި ވަގުތުތަކުގައި ކުޅިވަރު ކުޅުމާއި، މުބާރާތްތައް ބަލަން ދަނޑުތަކަށް އެއްވުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މިފަދަ ހަރަކާތްތަކުގެ ސަބަބުން ލިބޭ ބައެއް ގެއްލުންތައް:
# ދަމުނަމާދާއި ފަތިސްނަމާދަށް ހުރަސްއެޅި، އަޅުކަމުގެ ރޫޙު ގެއްލިގެންދެއެވެ.
# ލައިލަތުލްޤަދުރި ވިލޭރޭ ފަދަ މަތިވެރި ރެޔެއް ކުޅިވަރުގެ ތެރޭގައި ގެއްލިގެން ދިއުމަކީ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެކެވެ.
# ކުޅިވަރުގެ ތެރޭގައި ހަޅޭއްލެވުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތައް ބޭނުންކުރުން ފަދަ ކަންކަން ހިނގުމަކީ ރަމަޟާން މަހުގެ ބަރަކާތް ކެނޑޭނެ ކަންކަމެވެ.
ކުޅިވަރަކީ ހަށިގަނޑަށް ފައިދާހުރި ކަމަކަށް ވީނަމަވެސް، އެކަމަށް ކަނޑައެޅޭ ވަގުތަކީ ދީނީ ގޮތުން ހުރުމަތްތެރިވެގެންވާ ވަގުތަކަށް ވެގެންނުވާނެއެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަކީ ކުޅިވަރާއި މަޖަލުގައި ދުއްވާލަން އޮތް ވަގުތެއް ނޫނެވެ. އެހެންކަމުން، ކްލަބް ޖަމްޢިއްޔާތަކުންނާއި މުބާރާތްތައް ރާވާ ފަރާތްތަކުން، ފަހު ދިހައިގެ ރޭތަކުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ސަމާލުކަން ދޭންޖެހެއެވެ. އަޅުގަނޑުމެން އެންމެންގެ މަޤްޞަދަކަށް ވާންޖެހޭނީ ދުނިޔަވީ ވަގުތީ އުފަލަކަށްވުރެ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް މަސައްކަތް ކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

