ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު އެތުލެޓިކް ކްލަބާއެކު ކުޅުނު އުނދަގޫ މެޗުން ބާސެލޯނާ ތިން ޕޮއިންޓް ކަށަވަރުކުރީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ދެވަނަ ހާފުގެ 68 މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑަކީ ޕެޑްރީ ދިން ޕާހަކުން ލަމީން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް ވަރަށް ހިތްގައިމު ގޮތަކަށް ވައްދާލައިގެން ލަމީން ކާމިޔާބުކޮށް ދިން ލަނޑެކެވެ.
ދެވަނަ ހާފުގައި އޭނާ ކާމިޔާބުކުރި މިލަނޑަކީ މިހާތަނަށް އޭނާގެ ފަރާތުން ފެނުނު އެންމެ ފުރިހަމަ އެއް ލަނޑެވެ.

މިމެޗުގެ ބޮޑުބައި ބާސެލޯނާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ނުރައްކާތެރި ހަމަލާތައް ގިނައިން އުފައްދަމުން ދިޔައީ އެތުލެޓިކް ކްލަބުންނެވެ.
މިގޮތުން މެޗުގެ ފުރަތަމަ މިނެޓުގައި ޖޮއާއޯ ކަންސެލޯ ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ގޯލުގެ ދަނޑީގައި ޖެހުނުއިރު، ރޮބާޓް ނަވާރޯ އާއި އިނާކީ ވިލިއަމްސްއަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އަދި އިނާކީ ޖެހި ލަނޑެއް އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތުމަށް ރެފްރީ ނިންމިއެވެ.
ބާސެލޯނާގެ ގޯލްކީޕަރު ޖޯން ގާސިއާ މެޗުގައި އެތުލެޓިކްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފައިވާއިރު ބާސެލޯނާގެ ކަންސެލޯ އާއި މާކަސް ރަޝްފޯޑް ވެސް ލިބުނު ފުރުސަތު ތަކުގައި އެތުލެޓިކްގެ ޑިފެންސަށް ނުރައްކާ ކޮށްފައިވެއެވެ. މީގެ އިތުރުން ފެރަން ޓޮރޭޒް ފުންނާބުން ޖަހައި ފޮނުވާލި ހިތްގައިމު ޖެހުން ފާހަގަކޮށްލަން ޖެހެއެވެ.
މި ސީޒަނުގައި ކުރިން ބާސެލޯނާއިން އެތުލެޓިކް ކްލަބް އަތުން 4-0 އަދި 5-0 އިން މޮޅުވެފައި އޮތް ނަމަވެސް، މި މެޗު ފެނުނީ ވަރަށް ތަފާތުކޮށެވެ. ކޯޗު ހަންސީ ފްލިކް ބުނި ފަދައިން، އަމިއްލަ ދަނޑުގައި އެތުލެޓިކް ކްލަބަކީ ވަރުގަދަ ޓީމެކެވެ.
މިޑްވީކްގައި ނިއުކާސަލްއާ ދެކޮޅަށް ކުޅެން އޮތް މެޗަށްޓަކައި ލެވަންޑޯސްކީ، ޕެޑްރީ، ފާމިން ލޯޕޭޒް އަދި ރަފީނިއާއަށް އަރާމުދޭން ކޯޗު ބޭނުންވި ނަމަވެސް، މެޗުގެ ހާލަތު ހުރި ގޮތުން އެ ކުޅުންތެރިން ބޭނުންކުރަން މަޖުބޫރުވިއެވެ. އަދި ލަމީން ޔަމާލް ބަދަލުކުރުމުގެ ފުރުސަތެއް ވެސް ކޯޗަށް ނުލިބުނެވެ.
މި މޮޅާއެކު ބާސެލޯނާއިން ވަނީ ތާވަލުގެ އެއްވަނައިގައި އެޓީމު އޮތް މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ.
ދެން އެޓީމަށް އޮތީ އަންގާރަ ދުވަހު ސެއިންޓް ޖޭމްސް ޕާކުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ސްޕޮޓިފައި ކޭމްޕް ނޯގައި ސެވިއްޔާއާ ދެކޮޅަށް އެޓީމު ނުކުންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

