ދިވެހިރާއްޖޭގެ އެންމެ ދެކުނުން އޮތް އައްޑޫ ސިޓީއަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދުމުގެ ޤާބިލުކަން ހުރި ސިޓީއެކެވެ. ނަމަވެސް، އެ ސިޓީއަށް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ ފަދަ ތަރައްޤީގެ ސާފު ތަސައްވުރަކާއި މިޝަނެއް ކަމަށް އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ފިރާޤު އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ފާހަގަކުރައްވާފައިވަނީ، ރާއްޖޭގެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅުން ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުންނަކީ ތަޢުލީމީ ގޮތުން ޤައުމީ ފެންވަރުގައި އެންމެ މަތީ ކާމިޔާބީތައް ހޯދާފައިވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ވަރުގަދަ ތަޢުލީމީ އަސާސްތަކާއި ސިޔާސީ ނުފޫޒާއެކު، އައްޑޫއަކީ ނަމޫނާ ދައްކައިގެން އިސްކޮށް އުޅުމުގެ ފުރިހަމަ ޤާބިލުކަން ލިބިގެންވާ ސިޓީއެއްކަމަށް ފިރާޤު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅަކަށް ނުވި ނަމަވެސް، އެ ސިޓީއާ މެދު އޮތް ޝައުޤުވެރިކަމާއި ގާތް ގުޅުމުގެ ސަބަބުން، އައްޑޫގެ މުސްތަޤްބަލާމެދު ބޮޑެތި އުންމީދުތަކެއް ކުރައްވާކަމަށް ފިރާޤު ވިދާޅުވިއެވެ. އޭނާގެ ތަސައްވުރުގައި އައްޑޫގެ ޖިއޮގްރަފިކަލް މަޤާމުގެ ސަބަބުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދިދާނެއެވެ.
"ރައްޔިތުންގެ އިޤްތިޞާދަށްޓަކައި، ފަތުރުވެރިކަމާއި، އޭވިއޭޝަން ޚިދުމަތްތަކާއި، އެކްސްޕޯޓް ވިޔަފާރިތަކާއި، ބައިނަލްއަޤްވާމީ ޕާޓްނަރޝިޕްތަކުގެ ތެރެއިން ރައްޔިތުންނަށް ޔޫރޯ، ޕައުންޑް، އަދި ޑޮލަރުން އިތުރު އާމްދަނީއެއް ލިބޭނެ މަގުތައް އުފެއްދުމުގެ ހަޤީޤީ ފުރުޞަތުތައް އެ ސިޓީ އުފެދިފައިވާ ގޮތުން އެބައޮތް،"
ފިރާޤު ލިޔުއްވާފައިވެއެވެ.
ނިންމާލަމުން ފިރާޤު ވިދާޅުވީ، ސާފު ތަސައްވުރަކާއި އެންމެން ހިއްސާވާ މަގުޗާޓަކާއެކު އެއްބައިވަންތަވެއްޖެނަމަ، ސަރުކާރާއި ރައްޔިތުން ގުޅިގެން އައްޑޫ ސިޓީއަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން އިޤްތިޞާދީ ބާރުވެރިކަމާއި، ޢިލްމާއި، ލީޑަރޝިޕްގެ ތެރެއިން ދިގުމުއްދަތުގެ ތަނަވަސްކަމުގެ ފުރިހަމަ ފުރުޞަތުތައް އައްޑޫއަށް ހުޅުވިގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

