އިޜާނުގެ އަމަލުތަކާމެދު ބައެއް އިސްލާމީ ޤައުމުތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަރުގަދަ ރައްދެއް ދީފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ޤައުމުތަކަށް އެ އިރާނުގެ އަމަލުތައް ކަމުނުދިޔައީ، ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރެވޭ، ހައްދުފަހަނައަޅާފައިވާ އިޒްރާއީލްގެ ޒައިނިސްޓް ޔަހޫދީން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، އަމިއްލަ ދިފާއުގައި ހަމަލާ ދިނުމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އީރާނުން ބަޔާންކޮށްފައިވަނީ، ކާފަރުން މުސްލިމުންނަށް ހަމަލާދިނުމުން އޭގެ ރައްދު ދިނުމަކީ މާތް اللهُ سبحانه وتعالى އަންގަވާފައިވާ އަމުރުފުޅެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގައި، ހަނގުރާމަ ނުކުރާ ބަޔަކާ ހަނގުރާމަ ނުކުރުމަށް އަންގަވާފައިވީ ނަމަވެސް، ހަނގުރާމަ ފަށާ އިސްވެ ހަމަލާދޭ ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވަނީ އަމުރުކުރައްވާފައެވެ. އީރާނުން ފާހަގަކުރި ގޮތުގައި، އެ ޤައުމުން އިސްވެ ހަނގުރާމައެއް ނުފަށައެވެ. ނަމަވެސް، ހަނގުރާމަ ފެށި ފަރާތްތައް ކުށްވެރިކުރުމުގެ ބަދަލުގައި، ބައެއް ޤައުމުތަކުން ކުށްވެރިކުރީ ރައްދު ހަމަލާދިން އީރާނު ކަމީ ހިތާމަހުރި ކަމެކެވެ.
އީރާނުގެ އަސްކަރީ އަމާޒުތަކަށް ބަލާއިރު، އެ ޤައުމުން ބުނެފައިވަނީ ހަނގުރާމަ ކުރަނީ ޔަހޫދީންނާއި ޒައިނިސްޓުންގެ މުދަލާއި ވަސީލަތްތަކާ ދެކޮޅަށް ކަމަށެވެ. އަދި މާތް اللهُ ގަންދީ އެ ޤައުމުން ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެއީ ޔަހޫދީންނަށް ވާގިވެރިވާ ކޮންމެ ބަޔަކަށާއި، އެމީހުންގެ އަސްކަރީ މަރުކަޒުތައް ބިނާކޮށްފައިވާ ކޮންމެ ޤައުމަކަށް އީރާނުން ހަމަލާދޭނެ ކަމެވެ. اللهُ އަށް އީމާންވާ އެއްވެސް މުއުމިނަކު، ޔަހޫދީންނަށް ތަބާވެ، އެމީހުންނަށް ވާގިވެރިވާ ފަރާތްތަކަށް ތަޢުޒިޔާ ކިޔައި ހިތްވަރު ނުދޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ބަދުރު ހަނގުރާމަ ހިނގި ރަމަޟާން މަހުގެ 17 ވަނަ ދުވަހުގެ މަތިވެރި ހަނދާންތައް އައުކުރަމުން އީރާނުން ބުނީ، ޔަހޫދީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މާތް اللهُ ނަޞްރު ދެއްވަނީ ލަޝްކަރުގެ ބޮޑުމިނަށް ބަލައިގެން ނޫންކަން މިއަދު މުސްލިމުންނަށާއި ޔަހޫދީންނަށްވެސް އެނގެންޖެހޭނެ ކަމަށެވެ.
ނިންމާލަމުން، އީރާނުން ވަނީ އަވަށްޓެރި އަދި އެކުވެރި ޤައުމުތަކަށް ސަލާމަތުގެ މަގު ދައްކާފައެވެ. އެ ޤައުމުން ބުނާ ގޮތުގައި، އީރާނުގެ ހަމަލާތަކުން ސަލާމަތްވެ، މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެމެރިކާގެ އަސްކަރީ ފައުޖުތަކާއި އެމީހުންގެ މަރުކަޒުތައް މި ސަރަޙައްދުން ބޭރުކުރުމެވެ. މިއީ އިސްލާމީ އުއްމަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅުން މުހިންމު ފިޔަވަޅެއް ކަމަށް އީރާނުން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

