އުންމަތުގެ މުސްތަޤުބަލަށް ޓަކައި އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް، އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާ، އެކު ޢަޒުމް ކަނޑައަޅާންޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާގޮތުން ރަމަޟާން މަހަކީ ނަސްރާއި ފަތަޙައިގެ މައްސަރުކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ މިއީ ނަފްސުތައް ތަރުބިޔަތު ކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ. އަދި މިއީ ތަރުބަވީ "މަދުރަސާއެއް" ކަމުގައި ސިފަކުރައްވައި، މައިންބަފައިން ޒުވާނުންނާ މެދު ކުރަމުން އަންނަ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް މުރާލިކަމާއެކު ތެދުވުމަށް ޒުވާނުންނަށް އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރަށް ޒުވާނުންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބި، ހެޔޮލަފާ އަދި ޚުލްޤު ހެޔޮ ބަޔަކަށް ވުމަށް ޚުޠުބާގައި ބާރުއެޅުއްވާފައިވެއެވެ. މިގޮތުން، ޒުވާނުން މަސްތުވާތަކެއްޗާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ ނޫންވެސް ނޭއްގާނީ ޢަމަލުތަކުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެފައިވެއެވެ. މީގެ އިތުރުން، ޖަމާޢަތުގައި ނަމާދުކުރުމަށް ފަރުވާތެރިވުމަށާއި، ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށް ވެސް ގޮވާލައްވާފައިވެއެވެ.
މިއަދުގެ ދުނިޔެއަކީ ޢިލްމުގެ ޤަރުނުކަން ފާހަގަކުރައްވައި، ޢިލްމާއި ފިކުރީ ގޮތުން ކުރިއަރައިދިއުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ބާރުއެޅުއްވިއެވެ. އިސްލާމީ ސަޤާފަތާއި ޙަޟާރަތު އިޢާދަވެ، މުސްލިމުންނަށް ޢިއްޒަތާއި ޝަރަފް ލިބޭނީ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް، ދެ ޖިންސުގެ ޒުވާނުން ޢިލްމާއި ފަންނިއްޔާތުގެ މައިދާނުގައި ކުރިއަރައިގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު ހެޔޮމަގަށް ގެނައުމަށް އޮތް އެންމެ ހެޔޮ ވަގުތު ކަމަށެވެ. އެހެންކަމުން، އަދުގެ ޒުވާނުންނަކީ ޢަޒުމު ވަރުގަދަ ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބާރުއަޅުއްވައި ނަޞޭޙަތްތެރިވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

