މި އަހަރުގެ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ރޭތައް ފެށުމާއެކު، އައްޑޫ ސިޓީ މީދޫގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި މިރެއިން ފެށިގެން ދަމުނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މީދޫ އަވަށު އޮފީހުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރަށުގެ ހުކުރުކުރާ މިސްކިތްތަކުގައި ދަމުނަމާދު އިމާމުވެ ކުރައްވާނެ ބޭފުޅުން މިހާރު ވަނީ ކަނޑައަޅާފައެވެ.

އެގޮތުން މަސްޖިދުލް ހުސައިން އަލީގައި ދަމުނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ، މިހާރުވެސް އެ މިސްކިތުގައި ތަރާވީސް ނަމާދު އިމާމުވެ ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ހާފިޒެއް ކަމަށްވާ އަލްހާފިޒު ޒައިން މުގުސިދެވެ. އަދި މީދޫގެ މާމިސްކިތުގައި ދަމުނަމާދު އިމާމުވެ ކުރައްވާނީ އެ މިސްކިތުގައި ތަރާވީސް ނަމާދު ކުރައްވަމުން ގެންދަވާ އިންޑިއާގެ ހާފިޒެއް ކަމަށްވާ އަލްހާފިޒު އަބްދުލް މާޖިދެވެ.
މީގެ އިތުރުން، މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި ދަމުނަމާދު ކުރައްވާނީ އެ މިސްކިތުގައި ތަރާވީސް ނަމާދު ކުރައްވަމުން ގެންދަވާ އިންޑިއާގެ އަލްހާފިޒު މުހައްމަދު ޝަދާބް ހުސައިން އެވެ. އަދި މަސްޖިދުއް ތަޒުކިރާގައި ދަމުނަމާދު އިމާމުވެ ކުރައްވާނީ އެ މިސްކިތުގައި ތަރާވީސް ނަމާދުގެ އިމާމުވެ ކުރައްވަމުން ގެންދަވާ އަހުމަދު ނާސިރެވެ.
މި އިންތިޒާމާއެކު، ރަމަޟާން މަހުގެ ފަހު ފަނަރައިގެ ބަރަކާތްތެރި ރޭތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ބޭނުންވާ މީދޫގެ ގިނަ އަދަދެއްގެ ރައްޔިތުން މިރެއިން ފެށިގެން މިސްކިތްތަކަށް ޖަމާވާނެ ކަމަށް ބެލެވެއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

