މީހުންގެ އައިބުތައް ހޯދައި، އެކަންކަން ފަޅާއަރުވައި، އެމީހުންގެ ކުށްތައް ފާހަގަކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގައި ނުތަނަވަސްކަމާއި، ހަސަދަވެރިކަމާއި، އަދި ކުރިމަތިލުންތައް އުފެދެއެވެ. މީގެ އިތުރުން، މިކަން ކުރާ މީހާގެ ހިތުގައި ނުބައި ސިފަތައް އިތުރުވެ، އަޅުކަމުގެ ސިފައިން އެމީހާ ދުރުކުރެއެވެ.
ރަސޫލާ صلى الله عليه وسلم ވަނީ މީހުންގެ އައިބުތައް ހޯދުމާއި، އެކަންކަން ފަޅާއެރުވުމުން ވަރަށް ބޮޑަށް ނަހީކުރައްވާފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: "އޭ މުސްލިމުންނޭވެ! ދުލުން އީމާންވެފައި ހިތައް އީމާންކަން ވަދެފައި ނުވާ މީހުންނޭވެ! މުސްލިމުންގެ އައިބުތައް ނުހޯދާށެވެ. ފަހެ، ހަމަކަށަވަރުން، މުސްލިމުންގެ އައިބުތައް ހޯދާ މީހާގެ އައިބުތައް ﷲ ހޯދައްވާނެއެވެ."
ގުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ
މިއާޔަތުން ވަރަށް ސާފުކޮށް ދޭހަވަނީ، މުސްލިމުންނަށް އެންމެ މުހިންމުވަނީ ތިމާގެ އަމިއްލަ ނަފްސު ރަނގަޅުކުރުމެވެ. ތިމާ ހިދާޔަތުގެ މަގުގައި ހުރިނަމަ، އެހެން މީހުން މަގުފުރެދިގެން ދިއުމުން ތިމާއަށް ގެއްލުމެއް ނުވާނެކަމެވެ.
ނަފްސު އިސްލާހުކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ތިމާގެ އަމިއްލަ ނަފްސުގައި ހުރި ކުށްތަކާއި ސިފަތައް ދެނެގަތުމެވެ. މިކަމަށްޓަކައި ކޮންމެ ދުވަހަކު ވަގުތުކޮޅެއް ހުސްކޮށްގެން، ތިމާގެ އަމަލުތަކާއި ބަސްތަކާއި ހިޔާލުތަކަށް ވިސްނައިލުން މުހިންމެވެ. ތިމާ ކުރި ކަންކަމުގެ ތެރެއިން، ރަނގަޅު ކަންކަމަށް ޝުކުރުވެރިވުމާއެކު، ގޯސް ކަންކަމަށް ތައުބާވެ، އެކަންކަން އިސްލާހުކުރުމަށް މަސައްކަތްކުރަންޖެހެއެވެ.
ނަފްސު އިސްލާހުކުރުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގުރުއާނާއި ސުންނަތުން ނަސޭހަތްތަކާއި، އަމުރުތަކާއި، ނަހީތައް ދެނެގަތުމުން، ތިމާގެ ނަފްސު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ސާފުވާނެއެވެ. މީގެ އިތުރުން، ޢިލްމުވެރިންގެ ދަރުސްތަކާއި، ވަޢުޒުތައް އަޑުއެހުމުން ތިމާގެ އީމާންކަން ވަރުގަދަވެ، ނަފްސު އިސްލާހުކުރުމަށް ހިތްވަރު ލިބެއެވެ.
ނަމާދަކީ މުއުމިނުންގެ މިޢުރާޖެވެ. ނަމާދުގައި ޚުޝޫޢަތްތެރިވެ، މާތް ﷲ ހަޟްރަތުގައި ހުރުމުގެ އިޙްސާސް ކުރުމުން، ހިތައް ހަމަޖެހުމާއި، ސުލްހަވެރިކަން ލިބެއެވެ. މިކަން ނަފްސު އިސްލާހުކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. ކޮންމެ ނަމާދަކީވެސް ތިމާގެ ނަފްސު ސާފުކުރުމަށް، ކުށްތަކުން ދުރުވުމަށް، އަދި ރަނގަޅު އަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ފުރުސަތެކެވެ.
އިންސާނާގެ އަޚްލާޤާއި، އަމަލުތަކުގައި ސުޙުބަތުގެ އަސަރު ވަރަށް ބޮޑެވެ. އަޚުލާގީ ރީތި ސިފަތައް ލިބިފައިވާ މީހުންނާއި ގުޅުން ބަދަހިކުރުމުން، އެމީހުންގެ ރަނގަޅު ސިފަތައް ތިމާގެ ނަފްސަށް ލިބެއެވެ. އެހެންވީމާ، ރަނގަޅު ރަހުމަތްތެރިންނާއި، އިލްމުވެރިންނާއި، ދީނަށް ތަބާވާ މީހުންނާއި ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަންޖެހެއެވެ.
ތިމާ ކުރެވޭ ކޮންމެ ކުށެއްގެ ސަބަބުން، ހިތުގައި ހިތާމަވެރިކަން އުފެދި މާތް ﷲ އަށް ތައުބާވެ، އިސްތިޣްފާރު ކުރުމަކީ ނަފްސު އިސްލާހުކުރުމުގެ މުހިންމު ބައެކެވެ. ކޮންމެ ދުވަހަކު، ހާއްސަކޮށް ރޭގަނޑުގެ ފަހު ބައިގައި، އަދި ފަތިސް ނަމާދުގެ ފަހުން، އިސްތިޣްފާރު ކުރުމުގެ ޢާދަތައް ބައްޓަންކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: "ހަމަކަށަވަރުން، ތައުބާވާ މީހުންނަށް ﷲ ލޯބިކުރައްވައެވެ."
ނަފްސު އިސްލާހުކުރުމުން، ދުނިޔެއާއި އާޚިރަތުގައި ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. ހިތުގައި ހަމަޖެހުމާއި، ސުލްހަވެރިކަމާއި، ހިތްހަމަޖެހުން ލިބެއެވެ. މީހުންނާއި ގުޅުން ރަނގަޅުވެ، މުޖުތަމަޢުގައި އިޙްތިރާމް ލިބެއެވެ. އާޚިރަތުގައި މާތް ﷲ ގެ ރުއްސުމާއި، ރަޙްމަތް ލިބި، ޖަންނަތުލްފިރުދައުސް ލިބޭނެކަމުގެ އުންމީދު ބޮޑުވެއެވެ.
މީގެ އިތުރުން، ނަފްސު އިސްލާހުކުރުމުން، އެހެން މީހުންނަށް ރަނގަޅު ނަމޫނާއެއް ދައްކައިދެވި، އެމީހުންވެސް ރަނގަޅު މަގަށް ދައުވަތު ދެވެއެވެ. މިއީ އަމަލީ ގޮތުން ދީނަށް ހިދުމަތްކުރުމުގެ އެންމެ ރަނގަޅު ގޮތެވެ.
ވީމާ އެހެން މީހުންގެ އައިބުތައް ހޯދުމުގެ ބަދަލުގައި، ތިމާގެ އަމިއްލަ ނަފްސު އިސްލާހުކުރާށެވެ. މިކަމަށްޓަކައި، ތިމާގެ ކުށްތައް ދެނެގަތުމާއި، އިލްމީ މައުލޫމާތު ހޯދުމާއި، ނަމާދުގައި ޚުޝޫޢަތް ތެރިވުމާއި ރަނގަޅު ސުޙުބަތެއް ހޯދުމާއި، ތައުބާއާއި އިސްތިޣްފާރު ކުރުން ވަރަށް މުހިންމެވެ. މިކަންކަން ކުރުމުން، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭނެކަން ޔަޤީނެވެ.
މާތް ﷲ އަޅަމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ. އަދި އަޅަމެންގެ ނަފްސުތައް އިސްލާހުކުރުމަށް މަގުފަހިކޮށްދެއްވާށިއެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

