އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ދާއިރާއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ބޮޑު ޖަލްސާ ރޭ މީދޫގައި ބާއްވައިފިއެވެ.
މީދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއެވެ. މި ޖަލްސާގައި އެމްޑީޕީގެ ހުޅުދޫ އަދި މީދޫ ދާއިރާގެ ލީޑަރޝިޕްގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާއި، އެމްޑީޕީގެ ލީޑަރ ޝިޕްގެ ބައެއް ބޭފުޅުންގެ އިތުރަށް ހުޅުދޫއާއި މީދޫގެ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށާއި ޑަބްލިއުޑީސީއަށް ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ވާހަކަފުޅު ދެއްކެވިއެވެ. ކެނޑިޑޭޓުންގެ ވާހަކަފުޅުގައި ދާއިރާގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ތަޞައްވުރާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ޖަލްސާގެ ޝަރަފްވެރި މެހުމާނު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ލޯކަލް ކައުންސިލްތަކުގެ މުހިންމުކަމާއި، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ ތަރައްޤީއަށްޓަކައި އެމްޑީޕީގެ ކެނޑިޑޭޓުން ހޮވަންޖެހޭ ސަބަބުތައް ރައްޔިތުންނަށް ތަފްސީލުކޮށްދެއްވިއެވެ.
ރޭގެ މި ޖަލްސާގެ ކުރިން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކެނޑިޑޭޓުން ވަނީ ހުޅުދޫ އަދި މީދޫގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހާލުބަލައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން ކެނޑިޑޭޓުންނަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

