މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރިކަމާއި، ފާފަތަކުން ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މައްސަރުތަކުގެ ތެރެއިން ރަމަޟާން މަހަކީ މާތް ﷲ އެތައް ގޮތަކުން މާތްކުރައްވައި މަތިވެރި ކުރައްވާފައިވާ މަހެކެވެ. މިގޮތުން ކީރިތި ގުރުއާން ބާއްވައިލެއްވުމާއި، ރޯދަ ހިފުމުގެ މަތިވެރި އަޅުކަން މި މަހުގައި ފަރުޟުކުރައްވާފައިވުމަކީ މި މަހުގެ ޚާއްޞަކަން ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރިއެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮކަންކަމަށް މާތް ﷲ ދެއްވާ ޖަޒާ އިތުރުވެގެންދާކަންވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ތައުބާވުމާ ގުޅޭގޮތުން ޚުޠުބާގައި ބުނީ، ތައުބާވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިފައިވާ އެއްމެހައި ފާފައިން އެއްކިބާވެ، އެކަންކަން ކުރެވުނު ކަމާމެދު ދެރަވެ ހިތާމަކުރުމެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމް ކަނޑައަޅައި، އިޚުލާސްތެރިކަމާއެކު ފާފަ ފުއްސެވުމަށް އެދި މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދެންނެވުމަކީ ތައުބާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މީގެ އިތުރުން، ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިޔަސް ނުވަތަ ބޮޑު ފާފައަކަށް ވިޔަސް، އެ ފާފައަކުން ތައުބާވުން ލާޒިމުކަން ޚުޠުބާގައި ފާހަގަކުރިއެވެ. ފާފައިން ތައުބާވުމަށް އިރުޝާދު ދެއްވައި މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަހުމަތުން އުއްމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަހީމުވަންތަ ރަސްކަލާނގެއެވެ."
މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ، މި ފަދަ ބަރަކާތްތެރި މައްސަރެއްގެ ބޭނުން ހިފައި، ގިނަގިނައިން ތައުބާވެ، ހެޔޮ އަމަލުތައް އިތުރުކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

