ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ރެޑް އެލާޓް" ނެރެފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ދުންފުނީގެ އަސަރު ނުވަތަ ނުސާފު ވައިގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
މި ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި، އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސަރަހައްދުގައި މިއަދު ވައިގެ ސާފުމިން (Air Quality Index) ހުރީ 159 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާތެރި މިންވަރެކެވެ. މީގެ އިތުރުން މެދުރާއްޖޭތެރެއިން މާލޭ ސަރަހައްދުގައި ވެސް ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މި ދުންފުނީގެ (ހޭޒް) އަސަރު ފޯރާފައިވީ ނަމަވެސް، އެންމެ ދެކުނުގެ ރަށްތައް ކަމަށްވާ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިކަމުގެ އަސަރު ވަނީ ވަރަށް ކުޑަވެފައެވެ. އެ ސަރަހައްދުތަކުގައި ވައިގެ ސާފުމިން އަދިވެސް ހުރީ އާންމު ހާލަތެއްގައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއްގައި މެނުވީ ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

