ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން" (އާކް) އެއިޑުން ކުރިއަށްގެންދާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް އެއިޑުގެ މި ޕްރޮގްރާމަކީ މުޖުތަމައުގައި ތިބި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި، އެކަނިވެރި މައިންގެ އާއިލާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ކާބޯތަކެތި ފަދަ އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު، ޖުމްލަ 200 އަށްވުރެ ގިނަ ކުދީން ހިމެނޭ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ 100 އަށްވުރެ ގިނަ ޕެކް ވަނީ ހަދިޔާކޮށްފައެވެ. މި އެހީގެ ސަބަބުން ރަމަޟާން މަހުގެ ތެރޭގައި ދަތި ހާލުގައި އުޅޭ ގިނަ އާއިލާތަކަކަށް ދިރިއުޅުމުގެ ކަންކަމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އިޖުތިމާއީ އެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައެކެވެ. މިގޮތުން މީގެ ކުރިންވެސް އާކް ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އަހަރު ބޭންކުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ "މަމްސް އެއިޑް" ޖަމިއްޔާއަށެވެ.
ބީއެމްއެލްގެ މުވައްޒަފުންގެ މިފަދަ އިސްނެގުންތަކަކީ މުޖުތަމައުގައި އެހީތެރިކަމާއި އޯގާތެރިކަން އިތުރުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގައި އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

