ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ އަތުން އެތުލެޓިކޯ މެޑްރިޑުން 3-0 އިން ބަލިވެއްޖެއެވެ.
ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އެތުލެޓިކޯ މި ނަތީޖާއާ ކުރިމަތިލާން ޖެހުނީ، ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން ބޮޑު ކާމިޔާބެއް ހޯދާފައިވަނިކޮށެވެ.
މި މެޗަށް ނުކުތްއިރު ސިމިއޯނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، މެޗް ފެށި އެގާރައިގައި ވަރުގަދަ ކުޅުންތެރިން ހިމެނިއެވެ.
ރަޔޯގެ އަމިއްލަ ދަނޑުގެ ވިނަގަނޑު ހާލަތެއްގައި ނެތުމުން، މި މެޗު ކުޅުނީ ލެގަނޭސްގެ ބުޓާކޭ ސްޓޭޑިއަމްގައެވެ. ރަޔޯގެ ސަޕޯޓަރުން އެ ކްލަބުގެ ރައީސް މާޓިން ޕްރެސާ އިސްތިއުފާ ދިނުމަށް ގޮވާލައި އަޑުއުފުލަމުން ދިޔަ ނަމަވެސް، ދަނޑުމަތީގައި ރަޔޯގެ ކުޅުންތެރިން ފެނުނީ މާ ބޮޑަށްވެސް ހަމަޖެހިގެން ކުޅުނު ތަނެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި ފްރޭން ޕެރޭޒް އަދި 45 ވަނަ މިނެޓުގައި އޮސްކާ ވެލެންޓިން ޖެހި ލަނޑުތަކާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ރަޔޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ނޯބެލް މެންޑީ ވަނީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ސްޕެނިޝް ލީގުގައި މިހަފްތާގައި ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ވެލެންސިއާ ލެވާންޓޭއާ ދެކޮޅަށް ކުޅުނު ލޯކަލް ޑާބީ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ކާލޯސް ކޯބެރަންގެ ވެލެންސިޔާއެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ދެވަނަ ހާފުގައި ޖަހައިދިނީ ލާޖީ ރަމަޒާނީ އާއި އުމަރު ސާދިގު އެވެ.
ވެލެންސިއާ މޮޅުވުމުން ރެލިގޭޝަން ޒޯނަށް ވެއްޓުނީ ބެޓިސް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވި މަޔޯކާ އެވެ. ބެޓިސްގެ ލަނޑުތައް އަބްދުލް އެޒަލްޒޫލީ އާއި ސެޑްރިކް ބަކަމްބޫ ކާމިޔާބުކޮށްދިންއިރު، މަޔޯކާގެ ހަމައެކަނި ލަނޑު ޖެހީ ވެދާތު މުރީގީ އެވެ.
އެތުލެޓިކް ބިލްބާއޯ ވަނީ އޮވިއޭޑޯ އަތުން 2-1 އިން މޮޅުވެ ޖެހިޖެހިގެން ދެވަނަ މޮޅު ހޯދާފައެވެ. ފުރަތަމަ ހާފުގައި އޮވިއޭޑޯ އިން ރަނގަޅަށް ކުޅެ އިލިޔާސް ޗައިރާގެ ލަނޑުން ކުރިހޯދި ނަމަވެސް، ދެވަނަ ހާފުގައި މިކޭލް ޖައުރެގިޒާގެ މޮޅު ލަނޑަކުން ބިލްބާއޯ ނަތީޖާ ހަމަހަމަކުރިއެވެ. އަދި އޮއިހާން ސަންސެޓް ޕެނަލްޓީއަކުން ލަނޑު ޖަހައި ބިލްބާއޯ މޮޅުކޮށްދިނެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ވިނީޝިއަސް ޖޫނިއާ ޖެހި ދެ ޕެނަލްޓީއާއެކު ރެއާލް މެޑްރިޑުން ވަނީ ރެއާލް ސޮސިއެދާދު 4-1 އިން ބަލިކޮށް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މި މެޗުގައި ރެއާލްގެ އަނެއް ދެ ލަނޑު ޖެހީ ގޮންޒާލޯ ގާސިއާ އާއި ފެޑޭ ވަލްވާޑޭ އެވެ.
އެސްޕަންޔޯލް އާއި ސެލްޓާ ވިގޯއާ ބައްދަލުކުރިމެވް 2-2 އިން އެއްވަރުވެފައެވެ. އަދި ސެވިއްޔާ އާއި އަލަވޭސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ސެވިއްޔާގެ ކުޅުންތެރިއަކަށާއި ކޯޗަށް ރަތް ކާޑު ދައްކާފައިވެއެވެ.
އެލްޗޭ އާއި އޮސަސޫނާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ހޯމަ ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

