ރާއްޖޭގެ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްމެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިއަހަރުގެ މުބާރާތުން އާ ޗެމްޕިއަނަކު އުފަންވާނެކަން ޔަޤީންވެފައިވެއެވެ. މިރޭގެ ފައިނަލްގައި ވާދަކުރާނީ ހދ. ނައިވާދޫއާއި ގއ. ދެއްވަދޫއެވެ.
ޖުމްލަ 119 ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެ ޓީމަކީވެސް ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ދެ ޓީމެވެ.
ނައިވާދޫއަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ފައިނަލަށް ދަތުރުކުރި ޓީމެވެ. އެހެންނަމަވެސް، ކ. ކާށިދޫއާ ދެކޮޅަށް ކުޅުނު ފައިނަލްގައި ބަލިވެ، ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު ގެއްލުނެވެ.
ނައިވާދޫގެ ކޯޗު އަޙްމަދު ނާޝިދު ބައެއް މީޑިއާތަކަށް ދެއްވި ޚާއްޞަ ބަޔާނެއްގައި ވިދާޅުވިގޮތުގައި، "ނައިވާދޫ ޓީމުން މިދިޔަ އަހަރު ފައިނަލް ނިންމާލި ގޮތަށް، މުޅި ޓީމު އެއްކޮށް އަޒުމު ކަނޑައެޅީ މިއަހަރުވެސް ފައިނަލް ކުޅެން. އެއީ ވަރަށް އުނދަގޫވެސް ކަމެއް. އެހެންވިޔަސް އެ ދުވަހުން ފެށިގެން ކަނޑައެޅި ޓާގެޓް ހަމައަށް މިވަނީ އާދެވިފައި. ފުރަތަމަ ޓާގެޓް މިހާރު މިވަނީ ހާސިލުވެފައި. ދެން އޮތީ ތަށި ނެގުމަށް ވިސްނުން."
ނައިވާދޫގެ ސަޕޯޓަރުންވެސް މިރޭގެ ފައިނަލަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވެއެވެ. ރަށުގެ ގިނަ ސަޕޯޓަރުން ވަނީ މާލެއަށް އައިސް، ޓީމަށް ހިތްވަރުދިނުމަށް ދަނޑަށް ދިއުމަށް ތައްޔާރުވެފައެވެ. އަދި ނައިވާދޫގައިވެސް ފައިނަލް މެޗް ބެލުމަށް ބޮޑު ސްކްރީނެއް ބަހައްޓައި، ރަށުގެ ގިނަ ރައްޔިތުން އެއްވެ ޓީމަށް ހިތްވަރުދޭން ތިބޭނެކަމަށް ލަފާކުރެވެއެވެ.

ގއ. ދެއްވަދޫއަށް މިއީ ރަށުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ދަތުރުކުރި ފަހަރެވެ. ދެއްވަދޫގެ ޓީމުގައި ހިމެނެނީ ގައުމީ ފެންވަރުގެ ކުޅުންތެރީންގެ އިތުރުން ސާފް ސަރަހައްދުގައި ތަޖުރިބާ ހޯދާފައިވާ ގިނަ ކުޅުންތެރިންނެވެ. މިކަމުން ޓީމުގެ ފެންވަރު ވަރަށް މަތިކަން ފާހަގަކުރެވެއެވެ.
ދެއްވަދޫގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ބައެއް މީޑިއާތަކަށް މައުޅުމާތު ދެމުން ބުނެފައިވަނީ "މި މުބާރާތުގެ ފައިނަލަށް ދިއުމަކީ ވަރަށް އުނދަގުލުން ކުރެވޭނެ ކަމެއް. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް އުފާވޭ، މިހާ ބޮޑު މުބާރާތެއްގެ ފައިނަލަށް ކޯޗެއްގެ ގޮތުން ނޫނީ ކުޅުންތެރިއެއްގެ ގޮތުންވެސް ދަތުރުކުރެވުން. އިރާދަކުރެއްވިއްޔާ، މި ޓީމުގައި މިތިބީ ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް. އެހެންވީމަ ބަލިކުރެވޭނެ ކަމަށް ބަލައިގެން ފައިނަލަށް ނުކުންނާނީ."
ޗުމްޕު މިދިޔަ އަހަރު ފެނިފައިވަނީ ޗެމްޕިއަން ކާށިދޫގެ ބެންޗުންނެވެ. އެހެންނަމަވެސް މިއަހަރު އޭނާ ހުންނާނީ ދެއްވަދޫ ޓީމުގެ ލީޑަރެއްގެ ގޮތުގައެވެ. ދެއްވަދޫގެ ރައްޔިތުންވެސް ވަނީ މި ތާރީޚީ މުނާސަބަތު ފާހަގަކުރުމަށް ތައްޔާރުވެފައެވެ. ރަށުގައި ބޮޑު ސްކްރީނެއް ބަހައްޓައި، ގިނަ ރައްޔިތުން އެއްވެގެން މެޗް ބަލާނެކަމަށް ބެލެވެއެވެ.
މިހާތަނަށް ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ނުވަ މުބާރާތުގައި ޗެމްޕިއަންކަން ހޯދާފައިވަނީ ހަތް ޓީމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
1 - ތ. ތިމަރަފުށި (ތިން ފަހަރު)
2 - ބ. ހިތާދޫ
3 - މާލޭގެ މާފަންނު
4 - މާލޭގެ ހެންވޭރު
5 - ލ. ގަން
6 - ބ. އޭދަފުށި
7 - ކ. ކާށިދޫ (މިދިޔަ އަހަރުގެ ޗެމްޕިއަން)
މިރޭގެ ފައިނަލާ ގުޅިގެން މި ލިސްޓަށް އާ ނަމެއް އިތުރުވެގެންދާނެއެވެ. ނައިވާދޫ ނުވަތަ ދެއްވަދޫ، މިއިން ކޮންމެވެސް އެއް ޓީމެއް ރާއްޖޭގެ ފުޓްސަލްގެ އާ "ކިންގް" އަކަށް ވެގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފުރަތަމަ ފަހަރަށް ވީޑިއޯ ސަޕޯޓް (ވީއެސް) ޓެކްނޮލޮޖީ ތަޢާރަފުކުރެވުނު ކަމެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ރެފްރީންގެ ނިންމުންތައް ކުރިއަށްވުރެ ހަރުދަނާވެފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި އަނެއްކާވެސް އާ ބާބެއް ހުޅުވިގެންދާނެ މިރޭގެ ފައިނަލްއަށް މުޅި ރާއްޖޭގައި ފުޓްސަލްއަށް ލޯބިކުރާ ފަރާތްތަކުން ވަނީ ކެތްމަދުވެފައެވެ. ރާއްޖޭގެ ފުޓްސަލްގެ އާ ރަސްގެފާނަކު އުފަންވާނެ މިރޭގެ ފައިނަލްއަކީ ޝައްކެއްނެތް ގޮތުގައި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ރެއަކަށް ވެގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

