ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، "ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގެ ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. އޭދަފުށި ބަލިކޮށް، ހދ. ނައިވާދޫން ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފެބްރުއަރީ 11 ވަނަ ދުވަހުގެރޭ ހުޅުމާލެ ރެހެންދި ދަނޑުގައި އެތައް ސަތޭކަ ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.
އެހެންކަމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ނައިވާދޫން ކުރި ހޯދީ 5-4 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން މެޗްގެ ކުރީކޮޅުގައި މޮޅަށްކުޅެ ބޮޑަށް އޭދަފުށީ ގޯލަށް ނުރައްކާ ކުރީ ނައިވާދޫންނެވެ. އެގޮތުން އެޓީމުގެ ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ) ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މެޗުގެ ކުރީކޮޅު ފެނިގެންދިޔައެވެ.
ނަމަވެސް، އޭގެ ފަހުން އޭދަފުށިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ނައިވާދޫގެ ޕްރެޝަރު ކުޑަކޮށްލިއެވެ.މިގޮތުން އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓެ) އަށް ލިބުނު ހުސް ފުރުސަތެއްގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މިމެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު ނައިވާދޫއަށް ކާމިޔާބު ކޮށްދިނީ ޝާއްޕެއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އޭދަފުށިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފާއްޓެއެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނައިވާދޫން ބޮޑަށް އެޓޭކް ކުރަމުންދިޔައިރު، ޝާއްޕެއާއި މުހައްމަދު އަސްލަމް އަދި ހުސައިން މައިޝަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް، އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު ކުރި މުހިއްމު ސޭވްތަކާއެކު މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީއެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި، ދެ ޓީމުގެ އިތުބާރު ދެ ކުޅުންތެރިން ކަމަށްވާ ޝާއްޕެއާއި ފާއްޓެ ޖެހި ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ. ނައިވާދޫ މޮޅުވީ، އޭދަފުށީގެ އަލީ ނަސީމް (ދިއްލި) ޖެހި ޕެނަލްޓީ ނައިވާދޫގެ ކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) ދިފާއު ކުރުމާ ގުޅިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

