ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި މެޗުގައި އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ، ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްއަށް މަލާމާތްކޮށް ފުރައްސާރަކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިމެޗްގައި އެތުލެޓިކޯގެ އަޑެމޯލާ ލުކްމަން ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކުރުމާއެކު، ސިމިއޯނީ ވަނީ 18 އަހަރުގެ ޔަމާލްއަށް އަމާޒުކޮށް ތިން އިނގިލި ދައްކައި މަލާމާތްކޮށްފައެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ޖެހި ހަތަރު ލަނޑާއެކު ސިމިއޯނީ ވަނީ ދަނޑުކައިރީގައި ދުވެ، ވަރަށް ފޯރިއާއެކު އުފާފާޅުކޮށްފައެވެ.

މި ނަތީޖާއާއެކު އެތުލެޓިކޯ ފައިނަލާ ގާތަށް ޖެހިލާފައިވާއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ރިއަލް ސޮސިއެޑާޑް ނުވަތަ އެތުލެޓިކް ބިލްބާއޯއާއެވެ.
ބާސެލޯނާއަށް ދެން އޮތީ އަންނަ މަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި "މުއުޖިޒާތެއް" ފަދަ ކަމެއް ދައްކައިގެން ނޫނީ ކުރިއަށް ދިއުމުގެ ފުރުސަތު ކުޑަވެފައެވެ.
މިމެޗްގައި ބާސެލޯނާގެ ހިތްހަމަނުޖެހުން ބޮޑުވީ، ޕާއު ކުބާސީ ޖެހި ލަނޑު އޮފްސައިޑް ކަމަށް ނިންމުމަށް ވީއޭއާރު (VAR) އިން އަށް މިނެޓު ވަންދެން ވަގުތު ނެގުމުންނެވެ. މި ލަސްވުން ދިމާވީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީއަށް ދިމާވި މައްސަލައަކުންނެވެ.

މި މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން، ލުކްމަން އަދި ހޫލިއަން އަލްވަރޭޒެވެ. މީގެ އިތުރުން ބާސެލޯނާގެ އެރިކް ގާސިއާ އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، މެޗުގެ ފަހުކޮޅު އޭނާއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސިމިއޯނީ ބުނީ، މިއީ އެ ޓީމުގެ ސަޕޯޓަރުން ބޭނުންވި ފަދަ އުފާވެރި ކާމިޔާބީއެއް ކަމަށެވެ. އަނެއްކޮޅުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި ނަތީޖާ ކަމަށާއި، ނަމަވެސް ދެވަނަ ލެގުގައި ހިތްވަރާއެކު މަސައްކަތްކުރާނެ ކަމަށެވެ.

ބާސެލޯނާއަށް މި މެޗުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރަފީނިއާ، ގަވީ، ޕެޑްރީ، މާކަސް ރަޝްފޯޑް އަދި ކްރިސްޓެންސަން ފަދަ މުހިންމު ކުޅުންތެރިން އަނިޔާގެ ސަބަބުން ނުކުޅުމެވެ.
މިމެޗްގައި އެޓަލާންޓާއިން އެތުލެޓިކޯއަށް ބަދަލުވި ލުކްމަން ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ސިމިއޯނީ ވަނީ ލުކްމަންގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާއަކީ ތަފާތު ހުނަރެއް ހުރި ކުޅުންތެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

