ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ މެންޗެސްޓަރ ސިޓީން ފުލަމްގެ މައްޗަށް 3-0 އިން ކުރިހޯދައި، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
އަދި މިމެޗްގައި ހާލަންޑު ކާމިޔާބުކުރި ލަނޑާއެކު ހާލަންޑް ވަނީ އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައަށް ޖެހިލާފައެވެ.
ބުދަ ދުވަހުގެ ރޭ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހާލަންޑް ކާމިޔާބުކުރި 153 ވަނަ ލަނޑާއެކު، އޭނާ ވަނީ ސިޓީގެ ލެޖެންޑް ކޮލިން ބެލްގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި މޮޅާއެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާއި ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ.
ބޯކޮށް ވާރޭވެހެމުން ދިޔަ ވާރޭގެ ތެރޭގައި ކުޅެވުނު މިމެޗްގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ސިޓީގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޓޮއިން ސެމެންޔޯ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 24 ވަނަ މިނިޓްގައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ޒުވާން ކުޅުންތެރިޔާ ނިކޯ އޯރިލީ ކާމިޔާބުކޮށްދިނީ މެޗްގެ 30 ވަނަ މިނިޓްގައެވެ.
ސިޓީގެ ތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިގޮތުން އެޓީމުގެ 3 ވަނަ ލަނޑު މެޗްގެ 39 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހާލަންޑެވެ.
މިމެޗްގެ ފުރަތަމ ހާފް ނިމުނީ 3-0 އިން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފްގެ ކުޅުންފެށިއިރު ހާލަންޑް ކުޅެން ނިކުމެފައެއް ނުވެއެވެ. ފަހަކަށް އައިސް ހާލަންޑްގެ ކުޅުން ކުޑަކޮށް ދަށްވެފައި އޮތް ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ޕެނަލްޓީއަކުން ސިޓީ މޮޅުވި ލަނޑު ކާމިޔާބު ކުރުމަށްފަހު ހާލަންޑް މިވަނީ އަލުން އޭނާގެ ފޯމު ރަގަޅުކަން ސާބިތުކޮށްދީފައެވެ.
މިދިޔަ ޑިސެމްބަރު މަހު މި ދެޓީމު ބައްދަލުކުރި މެޗު 5-4 އިން ސިޓީން ކާމިޔާބުކުރީ ވަރަށް އުނދަގުލުން ނަމަވެސް، ރޭގެ މެޗުގައި ފުލަމްގެ ފަރާތުން އެފަދަ ހިތްވަރެއް ފެނިފައެއް ނުވެއެވެ. ފުލަމްގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ސިޓީން ދިޔައީ މެޗު ކޮންޓްރޯލް ކުރަމުންނެވެ.
މިމެޗުން ސިޓީ މޮޅުވުމުން 26 މެޗުން 53 ޕޮއިންޓް ލިބިގެން ޓޭބަލްގެ 2 ވަނަ ސިޓީއަށް ލިބިފައިވާއިރު މިމެޗުން ބަލިވި ފުލްހަމައަށް 26 މެޗުން 34 ޕޮއިންޓް ލިބިގެން ފުލްހަމް އޮތީ ޓޭބަލްގެ 12 ވަނާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

