ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" މަޝްރޫއުގެ ފްލެޓެއްގައި، އުސޫލާ ހިލާފަށް ބިދޭސީން ބައިތިއްބައިގެން ލޭބާ ކުއާޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން އެ ފްލެޓްގެ ވެރިފަރާތަށް އެފްޑީސީން ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، އަމާން އުދަރެސްގެ ފްލެޓެއް ބިދޭސީންނަށް ލޭބާ ކުއާޓާ ހަދަން ދޫކޮށްފައިވާ މައްސަލާގައި އެތަނުގެ ވެރިފަރާތް މިހާރު ވަނީ 50,000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ހަމްދާން ވިދާޅުވި ގޮތުގައި، ދީފައިވާ މުހުލަތުގެ ތެރޭގައި ބިދޭސީން އެތަނުން ހުސްނުކޮށްފި ނަމަ، ފްލެޓްގެ އެއްބަސްވުން ބާތިލުކުރެވޭނެއެވެ. އަދި އެ ޔުނިޓް އަލުން އެހެން ފަރާތަކަށް އެލޮކޭޓް ކުރުމަށްޓަކައި ހައުސިން މިނިސްޓްރީއަށް ފޮނުވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
މި މައްސަލާގައި ވާހަކަ ދައްކަވަމުން ހަމްދާން ފާހަގަކުރެއްވީ، މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުން ޖެހިފައިވާ މީހުން ދިރިއުޅުމަށްޓަކައި ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން އިމާރާތްކޮށްފައިވާ ތަންތަން ކަމަށެވެ. އެހެންކަމުން، ބޯހިޔާވަހިކަން ބޭނުންވެފައިވާ އެތައް ބަޔަކު ތިއްބާ، އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިކޮށް ނާޖާއިޒު ފައިދާ ހޯދަން އުޅުމަކީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓް ލިބުނު ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. މިއީ ފްލެޓް އަތުލެވިދާނެ ފަދަ ސީރިއަސް މާއްދާއެއްގެ ގޮތުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމެކެވެ. "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން އިމާރާތްކުރި މި ފްލެޓްތައް ހަވާލުކުރަން ފެށުމާއެކު، ބައެއް ފަރާތްތަކުން ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަމުންދާ މައްސަލަތަކެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.
އެފްޑީސީން ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ކުއްޔަށްދޭ ފްލެޓްތައް މޮނިޓަރކޮށް، އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

