އިދިކޮޅު އެމްޑީޕީން ގެންގުޅެނީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތަކެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް އެ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހުގެ ވާހަކަފުޅުގައި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން، މި އަހަރުގެ ރިޔާސީ ބަޔާން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ވަގުތު، ދީނީ ވާހަކަފުޅުތައް ދެއްކެވި ހިނދު އެމްޑީޕީގެ މެންބަރުން ކަށިގަނޑު ފުމެ އިހުތިޖާޖު ކުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވި ގޮތުގައި މި އަމަލުން އެކަނިވެސް އެމްޑީޕީއަކީ އިސްލާމްދީނާ ވަރަށް ދުރު ބީރައްޓެހި ސިޔާސަތެއް ގެންގުޅޭ ބައެއްކަން ހާމަވެގެންދެއެވެ.
މީގެ އިތުރުން، އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭރު ބަޔަކަށް ވިއްކާލި ކަމަށާއި، ނިމިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއް ހުރީ މޯގޭޖުކޮށް ލޯނު ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ނަގާ ލޯނުތަކުގެ ފައިސާ ވަންނަނީ އެ ބޭފުޅުންގެ އަމިއްލަ ޖީބަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ހިންގުނު ތަރައްގީގެ އެދެވޭ މަޝްރޫއެއް ނެތް ކަމަށާއި، ފެންނަން ހުރީ ހަމައެކަނި ރިޔާސީ އިންތިހާބާ ދިމާކޮށް ޖެހި "ކަޑަތައް" ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކައުންސިލްތަކުގެ ނިޒާމު ފެށުނީއްސުރެ އައްޑޫގެ މެޖޯރިޓީ ނަގަމުން އައީ އެމްޑީޕީން ކަމަށްވީ ނަމަވެސް، އެ ސިޓީގެ ތަރައްގީ އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. މި ހާލަތުން އަރައިގަނެވޭނީ ޕީއެންސީގެ ކައުންސިލެއް އައްޑޫއަށް ހޮވައި، ސަރުކާރާއެކު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަގޮތެއްގައި، ފަލާހުގެ ވާހަކަފުޅު ބިނާކުރެއްވީ އެމްޑީޕީގެ ފިކުރާއި ޕީއެންސީގެ ފިކުރާ ހުރި ބޮޑު ތަފާތުގެ މައްޗަށެވެ. އަދި ގައުމާއި ދީނުގެ ހައްގުގައި ޕީއެންސީގެ ސިޔާސަތުތަކަށް ތާއީދުކުރުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

