ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، "ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގެ ޒޯން ހަތެއްގެ ފައިނަލަށް އައްޑޫސިޓީ ހިތަދޫއާއި ގދ. ދެއްވަދޫ ދަތުރުކޮށްފިއެވެ.
ޒޯން ހަތެއްގެ ފުރަތަމަ ސެމީ ފައިނަލުގައި ބައްދަލުކުރީ އައްޑޫގެ ދެ ޓީމު ކަމަށްވާ ހިތަދުއާއި މަރަދޫއެވެ. މި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހިތަދޫއެވެ. ހިތަދޫ ޓީމަށް މި މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާލް އާއި މުހައްމަދު ދާނިޝް އިބްރާހީމެވެ.
ދެވަނަ ސެމީ ފައިނަލުގައި ގއ. ދެއްވަދޫ ނުކުތީ ގދ. ވާދުއާ ދެކޮޅަށެވެ. މި މެޗަށް ދެއްވަދޫން ނުކުތީ ގައުމީ ފުޓްސަލް ޓީމުގެ މުހިއްމު ކުޅުންތެރިންތަކަކާއެކު ވަރަށް ވަރުގަދަކޮށެވެ. ގައުމީ ޓީމާއެކު ސާފް ފުޓްސަލް ތަށި އުފުލާލި ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބެންޗުން ފެނުނު ނަމަވެސް، އޭނާ ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. ނަމަވެސް، ހުޒައިފަތު ރަޝީދު (ހުޒޭ) އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) ގެ އިތުރުން އަލީ ހައިސަމް (ޗުމްޕު) ގެ މޮޅު ކުޅުން މި މެޗުގައި ފެނިގެންދިޔައެވެ.
މި މެޗުގައި ދެއްވަދޫ ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ ރާހިލް އާއި ހުޒޭގެ އިތުރުން އަހްނަފް ރަޝީދު (އަހުއްކޮ) އެވެ. ވާދޫ ޓީމުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝައުފް މުހައްމަދެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މުހިއްމު މެޗުތަކަކީ:
20:00 - ގާފަރު އާއި އޭދަފުށި (ޒޯން 3 ފައިނަލް)
20:00 - ކުޑަހުވަދޫ އާއި ދިއްގަރު (ޒޯން 5 ފައިނަލް)
22:00 - ވިލިމާލެ އާއި މައްޗަންގޮޅި (ޒޯން 8 ފައިނަލް)
22:00 - ތިމަރަފުށި އާއި އިސްދޫ (ޒޯން 6 ފައިނަލް)
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

