ދިވެހި ފިލްމީ އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނު މުހައްމަދު ނައީމް ނިޔާވެއްޖެއެވެ.
މުހައްމަދު ނައީމް ނިޔާވީ ރޭގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 71 އަހަރެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ނައީމަކީ ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދި މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ޒުލެއިހާ" އިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި އެކްޓަރެވެ. "ޒުލެއިހާ" ގެ އިތުރުންވެސް، އޭނާ ވަނީ ގިނަ އަދަދެއްގެ ދިވެހި ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކުން ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައެވެ.
އޭނާގެ ފިލްމީ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ "ޒުލެއިހާ" ފިލްމުގައި ނައީމް ފެނިގެން ގޮސްފައިވަނީ ލީޑް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ބައްޕަގެ ރޯލުންނެވެ. މި ފިލްމަކީ ޔޫއްޕެގެ އިތުރުން ޝީލާ ނަޖީބް، މަރިޔަމް ނިޝާ، އަދި އަލީ ސީޒަން ފަދަ ތަރިންނާއެކު، ނަހުލާގެ ދަރިފުޅު އީނާޝް ސިނާން (ނާޝް) ވެސް މުހިންމު ރޯލަކުން ފެނިގެންދިޔަ ފިލްމެކެވެ.
ނައީމް ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ފަންނާނުން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އޭނާ ވަކިވެގެން އެދިޔައީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ހުސްކަމެއް ދޫކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

