ނޯޓް: މިރިޕޯޓަކީ ތަންކޮޅެއް ދިގުކޮށް ލިޔެވިފައިވާ ރިޕޯޓެއްކަމުގައިވިޔަސް ކިޔާލަން މުހިއްމުރިޕޯޓެއް.
ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ނޫނެވެ. އެއީ އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް، ގާތް ގުޅުންތައް އުފައްދައި، ބައިވެރިވުމުގެ އިހުސާސް ކުރެވޭ ތަނެކެވެ. ނަމަވެސް ފަހަކަށް އައިސް، އައި ބަދަލުތަކާއެކު، އޮފީހުގައި ގިނަ ބައެއްގެ މެދުގައި އުޅުނު ކަމުގައިވިޔަސް، ގިނަ މުވައްޒަފުންނަށް މިއަދު އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. ކުރީގައި މަސައްކަތުގެ މާހައުލުގައި އޮންނަ ގާތް އެކުވެރިކަން މިހާރު ދަނީ ފަނޑުވަމުންނެވެ.
ގެލަޕް (Gallup) އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މުވައްޒަފުންގެ ތެރެއިން އޮފީހުގައި އެންމެ ގާތް އެކުވެރިއަކު ހުރި ކަމަށް ބުނަނީ އެންމެ 20 އިންސައްތަ މީހުންނެވެ. އަދި މިއަށްވުރެ ކަންބޮޑުވާންޖެހޭ ކަމަކީ، މަސައްކަތުގެ މާހައުލުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތް ކުރަނީ ފަސް މީހުންގެ ތެރެއިން އެންމެ މީހެކެވެ. މަސައްކަތުގެ މާހައުލުގައި އޮންނަ އެކުވެރިކަމުގެ ސަބަބުން މަސައްކަތަށް ދޭ ސަމާލުކަމާއި، ހުނަރުވެރިކަމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުވާކަމުގެ ސާފު ހެކިތައް ހުރި ނަމަވެސް، މި ގުޅުންތައް ދަނީ ކެނޑެމުންނެވެ. މިއީ ހަމައެކަނި އިޖުތިމާއީ ގެއްލުމެއް ނޫނެވެ. މިއީ އޮފީހުގެ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ގާތް އެކުވެރިކަމެއް ނެތް މުވައްޒަފުންނަށް މަސައްކަތުން ލިބޭ ހިތްހަމަޖެހުން ކުޑަވެ، ގުޅިގެން މަސައްކަތް ކުރުމަށް އުނދަގޫވެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފޫހިވާގޮތް ދިމާވެއެވެ.
އޮފީސް އެކުވެރިކަން ގެއްލުމުގެ ނޭދެވޭ އަސަރުތަކާމެދު ގިނަ ފަހަރަށް އޮންނަނީ އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވިފައެވެ. އާންމުކޮށް ގަބޫލުކުރެވެނީ މީހުން ވަޒީފާގެ މަސްއޫލިއްޔަތާއިމެދު ފޫހިވަނީ މެނޭޖަރުންގެ މައްސަލަތަކާ ހުރެ ކަމަށެވެ. ނަމަވެސް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރ ޖޭން-އެމަނުއަލް ޑި ނީވް ހޯއްދަވާފައިވާ ގޮތުގައި، މުވައްޒަފުން ވަޒީފާގެ މަސައްކަތްތަކަށް ފޫހިވަނީ ހަމައެކަނި ވެރިންގެ ސަބަބަކުން ނޫނެވެ. އޭގެ ބަދަލުގައި، ޓީމުގެ ތެރޭގައި އެ މީހަކީ މުހިންމު މީހެއްކަމުގައި އިހުސާސް ނުކުރެވޭތީއެވެ. މިއިން އެނގެނީ އޮފީސް އެކުވެރިކަމަކީ ހަމައެކަނި ސަކަރާތް ޖެހުމެއް ނޫން ކަމާއި، އެއީ މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި އޮފީހުގެ މަސައްކަތްތަކުގައި ކާމިޔާބީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމެވެ.
އޮފީސް އެކުވެރިކަން ކުޑަވަމުންދަނީ ކީއްވެ؟
އެކުވެރިކަމަކީ އަމިއްލައަށް އުފެދޭ އެއްޗެއް ނޫނެވެ. އެއީ ވަގުތާއެކު ކުރެވޭ ތަޖުރިބާތަކާއި، ދެކެވޭ ވާހަކަތަކާއި، ގިނަގިނައިން ބައްދަލުވުމުގެ ތެރެއިން އުފެދޭ ކަމެކެވެ. ނަމަވެސް މިހާރުގެ މަސައްކަތުގެ މާހައުލު ބައްޓަންވެފައިވާ ގޮތުން މިފަދަ ގުޅުންތައް އުފެއްދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މުއާމަލާތް ކުރުން އަވަސްކޮށް ފަސޭހަކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ ގުޅުން މިއަދު ވެފައިވަނީ ހަމައެކަނި ކަންކަން ނިންމުމަށް ކުރާ ރަސްމީ މުއާމަލާތްތަކަކަށެވެ. އެކުގައި މަސައްކަތްކުރާ މީހާގެ މޭޒު ކައިރިއަށް ގޮސް ހާލުބަލާލުމުގެ ބަދަލުގައި، މިހާރު ފޮނުވާލަނީ މެސެޖެއް ނުވަތަ އީމެއިލެކެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، ހައިބްރިޑް ގޮތްގޮތަށް މަސައްކަތް ކުރުމުގެ ސަބަބުން، ކުރިން އެކުވެރިކަން އުފެދެން މެދުވެރިވި ކޮފީ ބްރޭކްތަކާއި، އެކުގައި މެންދުރުގެ ކެއުމަށް ދިއުމާއި، ބައްދަލުވުންތަކުގެ ކުރިންނާއި ފަހުން ދެކެވޭ ނުރަސްމީ ވާހަކަތައް މިހާރު ވަނީ މަދުވެފައެވެ. ބައެއް ފަހަރު އޮފީހުގައި ތިބޭއިރުވެސް، ބޭރުގައި ތިބި މީހުންނާ ޒޫމް މެދުވެރިކޮށް ބައްދަލުކުރުމަށް އަހަރެމެން މިވަނީ އާދަވެފައެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީގެ އިތުރުން، ޓީމުގެ ކުރިއެރުމަށްވުރެ ފަރުދީ ކުރިއެރުމަށް މަސައްކަތުގެ މާހައުލުގައި މިހާރު ބޮޑަށް ބާރުއެޅުމަކީވެސް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންތަކަށް އޮތް ހުރަހެކެވެ. އެހެންކަމުން، އެކުގައި މަސައްކަތްކުރާ މީހުންނާ އޮންނަ ގުޅުން ހަމައެކަނި ނަމެއްގައި އޮންނަ ގުޅުމަކަށް ވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ބޮޑެތި ނަތީޖާތަކެއް
ގެލަޕްގެ ދިރާސާތަކުން ތަކުރާރުކޮށް ދައްކާގޮތުގައި، އޮފީހުގައި ގާތް ގުޅުންތައް އޮންނަ މުވައްޒަފުން މަސައްކަތަށް ދޭ ސަމާލުކަން 43 އިންސައްތަ އިތުރުވެ، ވަޒީފާއާމެދު އޮންނަ ހިތްހަމަޖެހުން 27 އިންސައްތަ އިތުރުވެއެވެ. އޮފީސް އެކުވެރިކަމަކީ ބޭނުންތެރި އެހީތެރިކަމުގެ ނިޒާމެކެވެ. އެއީ ކާމިޔާބީތައް ފާހަގަކުރުމާއި، މަޖާކޮށްލުމާއި، އުނދަގޫ ވަގުތުތަކުގައި ޝަކުވާތައް ހިއްސާކޮށްލުމަށް ލިބޭ ފުރުސަތެކެވެ. މިފަދަ ގުޅުންތައް ނެތްނަމަ، މަސައްކަތުގެ މާހައުލަކީ އެކަނިވެރި، ފޫހި، އަދި އާ އީޖާދުތަކަށް ފުރުސަތު ކުޑަ ތަނަކަށް ވެގެންދެއެވެ.
އޮފީހުގައި ތެދުވެރި އެކުވެރިކަމެއް އޮތުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްގެ އިތުރުން، މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ މުހިންމު ކަމެކެވެ. ހާވަޑް ޔުނިވާސިޓީން 75 އަހަރު ވަންދެން ކުރި ދިރާސާއަކަށް ރިއާޔަތްކުރައްވައި ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރު ރޮބަރޓް ވަލްޑިންގާ ވިދާޅުވަނީ، އިންސާނުން އުފަލާއި ދުޅަހެޔޮކަންމަތީ ބައިތިއްބައިދެނީ ރަނގަޅު ގުޅުންތައް ކަމަށެވެ.
ހަމައެއާއެކު، ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ރިސާޗަރ ސޯންޔާ ލިއުބޮމިރްސްކީގެ ހޯދުންތަކުން ދައްކާގޮތުގައި، ދުވާލަކު މީހުންނާ ދެކެވޭ ކުދިކުދި ވާހަކަތަކުންވެސް އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދެއެވެ. މީގެ އިތުރުން، ޑެލޮއިޓް (Deloitte) އިން 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި، މުވައްޒަފުންގެ ދުޅަހެޔޮކަމަށް އެންމެ ބޮޑު ބާރަކަށް ވަނީ އެމީހުންނަކީ އޮފީހުގެ ބައެއް ކަމުގެ އިހުސާސް ކުރެވުމެވެ. އެއީ އެކަމުގެ ސަބަބުން ނަފްސާނީ ރައްކާތެރިކަމާއި، ކަންކަމަށް ކުރިމަތިލުމުގެ ހިތްވަރު ލިބޭތީއެވެ.
އޮފީސް ގުޅުންތައް އަލުން ބަދަހިކުރުމަށް ވެރިންނަށް ކުރެވިދާނެ ކަންތައްތައް
މިކަން އިސްލާހުކުރުމަށްޓަކައި، އޮފީސް އެކުވެރިކަމަކީ އަމިއްލައަށް އުފެދޭނެ ކަމެއްގެ ބަދަލުގައި، އެކަމަށް މަސައްކަތް ކުރަންޖެހޭނެ ކަމެއްކަން ވެރިން ގަބޫލުކުރަންޖެހެއެވެ. ގުޅުން ބަދަހި މާހައުލެއް އުފެއްދުމަށް ގަސްތުގައި މަސައްކަތްތަކެއް ކުރަންޖެހުނަސް، އޭގެ ފައިދާ މާ ބޮޑެވެ.
ވެރިން އިސްކަންދޭންޖެހޭނީ މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރެވޭނެ ފުރުސަތުތައް ހޯދައިދިނުމަށެވެ. އެއީ ޓީމް ބިލްޑިންގ ހަރަކާތްތަކުގެ ތެރެއިން ނުވަތަ ނުރަސްމީ ބައްދަލުވުންތަކުގެ ތެރެއިން ކުރެވިދާނެ ކަމެކެވެ. ދުރުގައި ތިބެގެން މަސައްކަތްކުރާ ޓީމުތަކަށް، ހަމައެކަނި ވީޑިއޯ ކޯލްތަކުގެ ބަދަލުގައި، ޝައުގުވެރިވާ ކަންކަމާ ގުޅޭގޮތުން ވާހަކަދެއްކޭނެ ގްރޫޕްތައް ހެދުމާއި، ގަވާއިދުން މީހުން ބައްދަލުވާނެ ދުވަސްތަކެއް ކަނޑައެޅުން މުހިންމެވެ.
އެކުގައި މަސައްކަތްކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމަކީވެސް ގުޅުން ބަދަހިވާނެ ކަމެކެވެ. އެއް އަމާޒަކަށް މަސައްކަތް ކުރާއިރު، އަމިއްލައަށް އެކުވެރިކަން އުފެދޭނެއެވެ. އަދި ތަފާތު ޓީމުތަކުގައި މީހުން ބަދަލުކޮށްގެން މަސައްކަތް ކުރުވުމަކީ ގިނަ ބަޔަކާ ގުޅުން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ.
އެންމެ ފަހުން ބުނެލަން އޮތީ، އޮފީސް އެކުވެރިކަމަކީ މަސައްކަތަށް ހުރަސްއަޅާ ކަމެއް ނޫން ކަމާއި، އެއީ އޮފީހުގެ މުހިންމު ރައުސްމާލެއްކަން މުވައްޒަފުން ގަބޫލުކުރަންޖެހޭ ކަމެވެ. ގުޅުންތަކަށް އަގުވަޒަންކުރާ ސަގާފަތެއް އޮތުމުން މުވައްޒަފުންގެ ހިތްވަރު ގަދަވެ، ވަޒީފާގައި ދެމިތިބުމުގެ ޝައުގުވެރިކަން އިތުރުވެ، އައު ޚިޔާލުތައް އުފެދެއެވެ. އެކުވެރިކަން އާލާކުރުމުން، އޮފީހުގެ މުވައްޒަފުން އުފައްދަން ޖެހެނީ ހަމައެކަނި ރަނގަޅު ޓީމެއް ނޫނެވެ، އޭގެ ބަދަލުގައި އެންމެން އެކުވެރިކަމާއެކު މަސައްކަތް ކުރަން ބޭނުންވާނެ ފަދަ މާހައުލެކެވެ.
ކާމިޔާބު ޓީމުތަކުގެ ފުރާނައަކީ އެކުވެރިކަން
މަސައްކަތުގެ މާހައުލުގައި އޮންނަ އެކުވެރިކަމަކީ ޓީމުތަކާއި ކުންފުނިތަކުގެ ދިރުމެވެ. މިފަދަ ގުޅުންތަކަށް ބާރުދޭ މުވައްޒަފުންގެ އުފާވެރިކަމާއި ހުނަރުވެރިކަން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ މާހައުލެއް ބިނާކުރެވޭނެއެވެ.
މަސައްކަތުގެ މާހައުލުގައި ބަދަހި ގުޅުންތަކެއް އުފެއްދުމުން، އޭގެ ހެޔޮ އަސަރު މުޅި މުޖުތަމައަށްވެސް ކުރާނެއެވެ. ނެލްސަން މަންޑޭލާ ވިދާޅުވި ފަދައިން، "އަހަރެމެންގެ އަމިއްލަ ދިރިއުޅުމުގައާއި މުޖުތަމައުގައި އެކަކު އަނެކަކަށް އަޅާލުމަކީ، އަހަރެމެން އެދޭ ފަދަ ރަނގަޅު ދުނިޔެއެއް ބިނާކުރުމަށް އެޅޭނެ ބޮޑު ފިޔަވަޅެކެވެ."
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

