ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަންޖުމް ނޫމާނު، ރަށުގެ ތަރައްޤީއަށްޓަކައި އޭނާގެ ތަޞައްވަރާއި ބައެއް ސިޔާސަތުތައް ހާމަކޮށްފިއެވެ.
އަންޖުމްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޝާއިޢުކޮށްފައިވާ ލިއުމެއްގައި، އޭނާ ވަނީ ރަށަށް ހަރުދަނާ ފަންނީ ލީޑަރެއްގެ ޚިދުމަތް ބޭނުންފުޅުވާނަމަ، އޭނާއަށް ތާއީދުކޮށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.
އަންޖުމް ނޫމާނު ފާހަގަކުރެއްވި ގޮތުގައި، އޭނާގެ އެންމެ ބޮޑު އަމާޒަކީ ރޭވުންތެރިކަމާއި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ދުރުރާސްތާގައި ރަށަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މިގޮތުން، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ގިނަ ރޭވުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަންޖުމްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބައިތަކަށް ބަލާއިރު:
ޒުވާނުންނާއި ތަޢުލީމު: ޒުވާނުންނަށް ހުރި ފުރުޞަތުތައް އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދިނުން.
އުމްރާނީ ތަރައްޤީ: ރަށުގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކޮށް، ޒަމާނީ ބަދަލުތައް ގެނައުން.
އިޖުތިމާޢީ ދުޅަހެޔޮކަން: މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުން.
އިޤްތިޞާދީ ފުރުޞަތު: މީދޫގެ ރައްޔިތުންނަށް ސީދާގޮތުން މަންފާކުރާނެ ފަދަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުން.
އަންޖުމް ނޫމާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ހޯދައިދިނުމަކީ އޭނާގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ. މި ހުރިހާ ކަމެއް ހާސިލުކުރުމަށްޓަކައި، ފަންނީ އަދި އިޚުލާޞްތެރި ލީޑަރެއްގެ ދައުރު މުހިއްމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމާއެކު އޭނާއަށް ތާއީދުކޮށް މީދޫގެ ރަށްޔިތުން އޭނާއަށް ވޯޓް ދެއްވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

