މިއަހަރު ބާއްވާ ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ، އައްޑޫސިޓީގެ ފުންނާބުއުސް ޅެންވެރިޔާ ޙަސަން ލަބީބަށް ޚާއްޞަކުރުމަށް ނިންމައިފިއެވެ.
އައްޑޫސިޓީ ހިތަދޫ، ކެމީ، ޙަސަން ލަބީބަކީ 1960 ވަނަ އަހަރުން ފެށިގެން ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ބަގީޗާ ފަހިކޮށްދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2021 ވަނަ އަހަރު ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ.
އުމުރުން އެންމެ 15 އަހަރުގައި ޅެންވެރިކަމުގެ ދުނިޔެއަށް ލޯހުޅުވުނު ލަބީބަކީ، އޭރުގެ މަޝްހޫރު "ފަތްތޫރަ" މަޖައްލާއަށްވެސް ގަވާއިދުން ލިޔުއްވި ކުޅަދާނަ އަދީބެކެވެ. ޅެންވެރިކަމުގެ ފަންނު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެއްވުމަށްޓަކައި، އޭނާ ވަނީ 200 އަށްވުރެ ގިނަ ޅެންވެރިން ތަމްރީނުކޮށް މި ދާއިރާއަށް ނެރުއްވައިދެއްވައިފައެވެ. އަދި އައްޑޫސިޓީގައި ޅެންވެރިކަމުގެ ކޯސްތައް ފުޅާދާއިރާއެއްގައި ހިންގަވައި، "ޅެންވެރިންގެ ބަހާރު" ފަދަ މަންސަތަކުގައި މުޝީރެއްގެ ގޮތުންނާއި ލިޔުންތެރިއެއްގެ ގޮތުން މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.
ޤައުމީ ފެންވަރުގައި ޅެންވެރިކަން ދިރުވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، 2021 ވަނަ އަހަރު "ޝާޢިރުންގެ ވާދީ" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި، އެ މަންސައިގެ މެދުވެރިކޮށް ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.
ލަބީބުގެ ޅެންވެރިކަމަށް ބަލާއިރު، ޤައުމީ އެކިއެކި މުނާސަބަތުތަކާއި، ސްކޫލް މަދަރުސާތަކުގެ ޚާއްޞަ އިޙްތިފާލުތަކަށް އޭނާ ވަނީ ރީތި ފުރިހަމަ ޅެންތަކެއް ތައްޔާރުކޮށްދެއްވައިފައެވެ. މީގެ އިތުރުން، އުރުދޫ ބަހުން ލިޔެވިފައިވާ ބައެއް ފުން ޅެންތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ދިވެހި އަދަބީ ޚަޒާނާ މުއްސަނދިކޮށްދެއްވުމުގައިވެސް އޭނާގެ ދައުރު ބޮޑެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ޙަސަން ލަބީބަށް ޚާއްޞަވެގެންދިއުމަކީ، ފާއިތުވި 60 އަށްވުރެ ގިނަ އަހަރު ދިވެހި ބަހަށާއި އަދަބިއްޔާތަށް އޭނާ ވެވަޑައިގެންފައިވާ އިޚްލާޞްތެރި ޚިދުމަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެކެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

