އައްޑު އަތޮޅު މީދޫއަކީ ދިވެހިރާއްޖޭގެ ދެކުނުގައި އޮންނަ ތާރީޚީ އަދި ޘަޤާފީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށުގެ ކުރިއެރުމަށްޓަކައި މީދޫ ރަށު ކައުންސިލަށް އަމިއްލަގޮތުން ވާދަކުރައްވާ އިބްރާހިމް ރަޝީދު- އަންޖޫ ވަނީ ވަރަށް ފުރިހަމަ ތަސައްވަރެއް އެކަށައަޅާފައެވެ. މި ތަސައްވަރުގައި ރަށުގެ އިޤްތިޞާދީ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ގިނަގުނަ ކަންތައްތަކެއް ހިމެނިފައިވެއެވެ.
އިބްރާހިމް ރަޝީދުގެ ތަސައްވަރުގައި މީދޫގެ އިޤްތިޞާދު ކުރިއެރުވުމަށް އެންމެ އިސްކަމެއް ދެއްވާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާ އަށެވެ. މިގޮތުން އިބްރާހިމް ރަޝީދު ، (އަންޖޫ ) ވަނީ ތަނަވަސް ޚިޔާލުތަކެއް ފާޅުކުރައްވާފައިވާ ފައެވެ.
1- ބޭރުގެ ފަތުރުވެރީންނަށް އަމާޒުކޮށްގެން މީދޫގެ ޓޫރިޒަމް ޒޯން ތަރައްޤީކުރުން.
މީދޫ ގެ ޓޫރިޒަމް ޒޯން ގައި ހުރި، ހުރިހާ ބިންތަކެއްވެސް، ގެސްޓްހައުސް ތަކަށާއި، ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަމަށް ހުޅުވާލުމުގެ އިތުރުން، ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކުގައި އަމަލީ މަސައްކަތް ފެށުމުގެ މުހިންމުކަން ވެސް، އަންޖޫ ފާހަގަ ކުރެއްވިއެވެ.
2- ދިވެހިންނަށް ޚާއްޞަ ކޮށްގެން މަތިކިޅި ސަރަޙައްދު ތަރައްޤީކުރުން
ދިވެހީންނަށް ޚާއްޞަކުރެވިގެން، މީދޫގެ މަތިކިޅީގައި، ފެނުގެ ކުޅިވަރު ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދެއް ތަރައްގީ ކުރުމާއި، ދިވެހިން ޝައުޤުވެރިވާނެ ތަފާތު އެޓްރެކްޝަންސް ހިމަނައިގެން މީދޫ ގެ މަތިކިޅި ތަރައްޤީ ކުރުމާއި، މީދޫ މަތިކިޅި، އީކޯ ޓޫރިޒަމަށް ހުޅުވާލުމަކީވެސް، އިބްރާހީމް ރަޝީދު - އަންޖޫގެ ތަސައްވުރެކެވެ.
3- ފުލްޑޭ ޓުއަރ ހެދުމަށް އައްޑޫ ގައި އޮތް އެންމެ މަޤްބޫލް މަންޒިލަކީ، މީދޫ ކަމުގައި ހެދުން.
އައްޑު އަތޮޅުގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރީންނަށް އަމާޒުކޮށްގެން، ފުލްޑޭ ޓުއަރ ހަދަން، އައްޑޫ ގައި އޮތް އެންމެ މަޤުބޫލު މަންޒިލަކީ، މީދޫ ކަމަށް ހެދުމަށްޓަކައި، މީދޫގެ ކޯގަންނު މަގާއި ، ބުރިކެޑެމަގާއި ދެމެދު އޮންނަ ސަރަހައްދު، ސްކައިބައިކް ، ޒިޕްލައިން ، މަޑްބާތް ، ފޮޓޯ ޝޫޓިންގެ ތަފާތު އެޓްރެކްޝަންސް ހިމަނައިގެން ތަރައްޤީ ކުރުމާއި، މީދޫ ގެ ތާރީޚް ، މީދޫގެ ޘަޤާފަތް ، މީދޫގެ ދަނޑުބިން ، ދިވެހި ކެއުން ، ދިވެހިންގެ ޘަޤާފަތް ދައްކުވައިދޭ ފޮޓޯ ގެލަރީ އެއް ހިމަނައިގެން މި ފުލްޑޭޓުއަރ ރޭވުމަކީވެސް، އަންޖޫގެ ތަސައްވަރުގައި ހިމެނޭ މުހިންމު ކަމެކެވެ.
4- ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުން
މީދޫއަކީ ދަނޑުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، އިބްރާހިމް ރަޝީދުގެ ތަސައްވަރުގައި މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ. މިގޮތުން، މީދޫގައި އޮތް 160 ދަނޑުން ނަފާ ނެރުމަށް ބޭނުންވާ ގަސް ކާނާއާއި ، އާލާތްތަކާއި ، ވަސީލަތްތައް ފަހިކޮށްދިނުމަށާއި، ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ޓަކައި ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދައި، އެ ކޯޕަރޭޓިވް ސޮސައިޓީގެ ބޮޑު ހިއްސާއެއް ކައުންސިލަށް އޮންނަގޮތަށް އޮނިގަނޑު ރާވައި، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ސަޕްލައި ކުރެވޭނެ ގޮތްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީވެސް، އިބްރާހީމް ރަޝީދު - އަންޖޫ ގެ ތަސައްވުރެކެވެ.
5- ގަވާއިދާއި ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުން
މީދޫގައި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުން ހިންގާ އިމާރާތް ކުރުމުގެ ގުރޫޕް ތައް ހުއްޓުވުމާއި، މީދޫގައި ގަވާއިދާއި ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ބޭރުމީހުން ހުއްޓުވައި، އެމީހުން ކުރަމުންދާ ކުރުނބާ ، ކާށި ، ފަތްކެޔޮ މިބާވަތުގެ ހުރިހާ ވިޔަފާރިއެއް ދަނޑުވެރިންގެ ކޯޕަރޭޓިވް ސޮސައިޓީގެ ބެލުމުގެދަށުން، ރައްޔިތުން ނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯބަލައި، އެގޮތަށް އެތަކެތި ވިއްކޭނޭ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީވެސް އިބްރާހީމް ރަޝީދު - އަންޖޫ ގެ ތަސައްވުރެއެކެވެ.
މީދޫ ގައި ގަވާއިދާއި ޚިލާފަށް ހިންގާ ހުރިހާ ވިޔަފާރި ހުއްޓުވުމަށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ވެސް، އަންޖޫ ގެ އަމާޒެކެއެވެ.
6- ތިމާވެށި ރައްކާތެރިކުރުން
މީދޫ، ފެހިކޮށް ބެހެއްޓުމަކީ އިބްރާހިމް ރަޝީދުގެ ތަސައްވުރުގައި ހިމެނޭ އަންމެ މުހިންމު އެއްބައެވެ. މިގޮތުން މީދޫގެ ވަށައިގެން ހެދިފައިވާ މަގު (ރިންގު ރޯޑް) އަކީ ގުރީންވޭއެއްގެ ގޮތުގައި ތަރައްޤީ ކޮށް، އެމަގުގެ ހޭޅިފަށުން ފެށިގެން 600 ފޫޓް ފުޅަލަށް ވާގޮތަށް، އެމަގަކީ ޙިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެމަގުގައި ހިޔާދޭ ގަސްތައް އިތުރަށް އިންދުމާއި، މީދޫ އެކިއެކި ސަރަޙައްދުތަކުގައި ފެހިކަންގަދަ ގަސްތަކާއިއެކު މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ ތަނަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް، އަލިއަޅުވާލެވިފައިވެއެވެ. އަދި މަތިކިޅީގެ ވަށައިގެން މަގެއް ހެދުމަށްފަހު، އެ މަގުގެ ދެފަރާތުގައި އަވަހަށް ފޯދޭ ޒާތުގެ 2000 އާއި 3000 އާއި ދެމެދުގެ މިންވަރަކަށް ރުއް އިންދުމުގެ މަސައްކަތްވެސް ކުރުމުގެ އިތުރުން، 100 އާއި 200 އާއި ދެމެދުގެ އަދަދަކަށް ބަނބުކެޔޮ ގަސް އިންދުމަކީވެސްއަންޖޫގެ ތަސައްވުރުގައި ހިމެނިފައިވާކަމެކެވެ.

ހަމައެއާއެކު، ކައުންސިލްގެ ފަރާތުން ނާސަރީއެއް އުފައްދައި، ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތަށް މަގުފަހިކުރުމަށްވެސް ރޭވިފައިވެއެވެ. މި ނާސަރީގައި ހެއްދޭނީ މީދޫ ފެހި ކުރުމަށް އިންދުމަށް ބޭނުންވާ ގަސްތަކާއި، ރިސޯޓް ތައް ފެހި ކުރުމަށް ވިޔަފާރި އުސޫލުން ، ކައުންސިލަށް ނަފާވާގޮތަށް ވިއްކަން ހައްދާ ގަސްތަކެވެ.
7- ރަނގަޅު ޖީލެއް ބިނާކުރުން
ރަށުގައި ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ސްކޫލްތަކާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމަކީވެސް އިބްރާހިމް ރަޝީދުގެ ތަސައްވުރުގައި ހިމެނޭ މުހިންމު ކަމެކެވެ. މިގޮތުން ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އިތުރު ޕްރޮގްރާމްތައް ހިންގުމާއި، ދަރިވަރުންގެ ހުނަރު ތަރައްޤީކުރުމަށް ޚާއްޞަ ކުލާސްތައް ބޭއްވުމާއި، ދަރިވަރުންނަށް ރަށުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރެވޭނެއެވެ. އަދި މީގެ އިތުރުން، ބެލެނިވެރިން ނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމް ތަޢާރަފްކުމާއި ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކުށުގެ ވެށިން ރައްކާތެރިވެ ފައިވާ މާހައުލެއް ބިނާކުރުމަށް ޓަކައި ކައުންސިލް އިދާރާ އާއި ، ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އަންޖޫގެ ތަސައްވަރުގައި ފާހަނގަ ކޮށްލެވިފައިވެއެވެ.
8- ސަރުކާރާ ގުޅިގެން މަސައްކަތްކުރުން
ކޮންމެ ސަރުކާރެއް އޮތަސް، ކައުންސިލް މެމްބަރު ކަމަށް ރައްޔިތުން ހޮއްވަވާދެއްވައިފި ނަމަ ، ރަށުގެ ކުރިއެރުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ އިބްރާހިމް ރަޝީދުގެ ތަސައްވުރުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމެވެ. މިގޮތުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކުގައި ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އިބްރާހިމް ރަޝީދު (އަންޖޫގެ) ގެ ތަސައްވުރަކީ މީދޫގެ ކުރިއެރުމަށް ވަރަށް ފުރިހަމައަށް ރޭވިފައިވާ ތަސައްވުރެކެވެ. މި ތަސައްވުރުގައި ރަށުގެ އިޤްތިޞާދީ ކުރިއެރުމާއި ، ތިމާވެށި ރައްކާތެރިކުރުމާއި ، އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ގިނަގުނަ ކަންކަން ފާހަގަ ކުރައްވާފައިވެއެވެ.
"މީދޫގެ ކައުންސިލް މެމްބަރަކަށް އަޅުގަނޑު އިބްރާހީމް ރަޝީދު - އަންޖޫ ހޮއްވަވައިދެއްވައިފިނަ، މި ތަސައްވަރުގައި ޙަޤީގީކުލަ ޖެއްސުމަށް ޓަކައި ކައުންސިލް ގެ ރައީސް އާއި މެމްބަރުންނާއި ގުޅިގެން މަސައްކަތް ކުރުމަކީ އަމާޒެއް "
އިބްރާހިމް ރަޝީދު މިނޫހަށް މައުލޫމާތު ދެމުން ބުނެފައެވެ.
އިބްރާހިމް ރަޝީދު - އަންޖޫ އަށް ދެވޭވޯޓަކީ، މީދޫ ގެ މުސްތަޤްބަލަށް ދެވޭނެ ވޯޓެކެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

