ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ބާސެލޯނާ އާއި ރެއާލް މެޑްރިޑް، ސައުދީ އަރަބިއްޔާގައި ބާއްވާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި މިރޭ ބައްދަލުކުރާނެއެވެ.
ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ ބުދަ ދުވަހު އެތުލެޓިކް ބިލްބާއޯ ބަލިކުރުމަށްފަހުއެވެ. ރެއާލް މެޑްރިޑް ފައިނަލަށް ދަތުރުކުރީ އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 2-1 އިން މޮޅުވެގެންނެވެ. ކުރިން މި މުބާރާތަކީ ލަލީގާގެ ޗެމްޕިއަނުންނާއި ކޮޕާ ޑެލް ރޭގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެއްކަމުގައިވިޔަސް މިހާރު މިއީ ހަތަރު ޓީމު ވާދަކުރާ މުބާރާތެކެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 15 ފަހަރު ތަށި ހޯދާފައިވާ ބާސެލޯނާއެވެ. ރެއާލް މެޑްރިޑަށް މި ތަށި ލިބިފައިވަނީ 13 ފަހަރުއެވެ.
މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި 49 ޕޮއިންޓާއެކު ބާސެލޯނާ އޮތްއިރު، ރެއާލް އޮތީ 4 ޕޮއިންޓް ފަހަތުން ދެވަނައިގައެވެ.
ބާސެލޯނާގެ ޓީމު ޚަބަރުތަކަށް ބަލާއިރު ގަވީ އާއި އަންދްރެއަސް ކްރިސްޓެންސަން އަދިވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. މީގެ އިތުރުން ކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން އަށް ވެސް ވަނީ އާ އަނިޔާއެއް ލިބިފައެވެ.
ބާސެލޯނާގެ ފަރާތުން މިހާރު ފެންނަނީ ޓީމުގެ ހުރިހާ ކުޅުންތެރިން ޒިންމާ ނަގައިގެން ކުޅޭ މަންޒަރެވެ. މިގޮތުން ރަފީނިއާ ،ލަމީން ޔަމާލް، ފާމިން ލޮޕޭޒް، މާކަސް ރަޝްފޯޑް އަދި ލެވަންޑޯސްކީގެ ފަރާތުން ވެސް އަންނަނީ މޮޅު ކުޅުމެއް ފެންނަމުންނެވެ. ހަމައެހެންމެ، އެރިކް ގާސިއާ އާއި ޕެޑްރީ އަކީ ވެސް މި ސީޒަނުގައި ޓީމުގެ މުހިންމު ދައުރެއް އަދާކުރާ ދެ ކުޅުންތެރިންނެވެ.
ރެއާލް މެޑްރިޑްގެ ޓީމު ޚަބަރުތަކަށް ބަލާއިރު ރެއާލް މެޑްރިޑަށް އޮތް އެންމެ ބޮޑު އުފަލަކީ އެމްބާޕޭ ޓީމާއެކު ޖިއްދާ އަށް ދަތުރުކުރުމެވެ. ނަމަވެސް އެންޓޯނިއޯ ރުޑިގާ، މާކޯ އެސެންސިއޯ އަދި ރޮޑްރީގޯގެ ފިޓްނަސްއާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި 24 މެޗުން 29 ލަނޑު ޖަހާފައެވެ. އޭނާ ނެތް ނަމަ ރެއާލްގެ އެޓޭކަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ. ޖޫޑް ބެލިންގްހަމްގެ ފަރާތުން މިފަހަކަށް އައިސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނުނު ނަމަވެސް، މިދިޔަ ސީޒަނާ އަޅާބަލާއިރު އޭނާގެ ފެންވަރު މިފަހަރު ދަށްކަން ފާހަގަކުރެވެއެވެ.
ބައެއް މީޑިއާތަކުން ނަތީޖާއާ މެދު ލަފާކުރާގޮތް ހާމަކޮށްފައިވާއިރު ބާސެލޯނާ އަށް މިރޭގެ މެޗުގެ ކުރިން އިތުރު ދުވަހެއްގެ އަރާމުކުރުމަށް ލިބިފައިވުމާއި، ރެއާލް މެޑްރިޑްގެ މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވުމުން، މި މެޗުގައި ބާސެލޯނާ އަށް ދެލަނޑު 1 ލަނޑުގެ ތަފާތަކުން މޮޅުވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައިވެއެވެ.
މިރޭ ކުޅެވޭ ފައިނަލްމެޗްގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

