އައްޑޫސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާ އެއްވިސްނުމެއްގައި މަސައްކަތްކުރާނެ، ސަރުކާރު ހިންގާ ޕާޓީގެ ޓީމެއް ހޮވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޑޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި އަދި މިއަހަރު އައްޑޫސިޓީގައި ކުރަން ނިންމާފައިވާ ކަންތައްތަކާއި ކުރަމުންދާ މަސައްކަތްތަކަކީ މީގެ ކުރީގައި އައްޑޫ ސިޓީގައި ރައްޔިތުންނަށް ނުވެފައިހުރި ކަންތައްތަކެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި މި މަސައްކަތްތައް ނުކުރެވި ހުރުމުން، ރައްޔިތުން އެމަނިކުފާނަށް އިތުބާރުކޮށް މި މަސައްކަތްތައް ހަވާލުކުރެއްވި ކަމަށެވެ.
"އެކަން އަޅުގަނޑަށް އެނގޭ، އެކަމަށްޓަކައި އައްޑޫ ސިޓީ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން,"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގައި އެތައް މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި
- ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް
- ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް
- ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް
- މަގުތައް ހެދުމަށް
- އަދި އެހެނިހެން ސެކްޓަރތަކުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށް ރައީސްވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ތަރައްޤީގެ މަސައްކަތްތައް ކުރުމުގައި ލޯކަލް ލެވެލްގައި ފުރިހަމަ އެއްބާރުލުން ލިބޭނީ ސިޔާސީގޮތުން އެމަނިކުފާނާ އެއްވިސްނުމުގައި ތިބި ބައެއްގެ ފަރާތުންކަމަށެވެ. އެހެންނޫންނަމަ، ސިޔާސީގޮތުން އިދިކޮޅު ވިސްނުން އިސްކުރާނެ ކަމަށާއި، އޭގެ ސަބަބުން އައްޑޫގެ ތަރައްޤީ ފަހަތަށް ޖެހި، ލަސްވަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެފުރުސަތު އައްޑޫ ރަށްޔިތުން ނުދެއްވާނެކަމީ އަޅުގަނޑު ޔަޤީންކުރާ ކަމެއް,"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޕާޓީން މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓާއި ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އައްޑޫ ސިޓީއާއި ހުޅުދޫ އަދި މީދޫން ހޮވައިދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިހާރު އޮތްގޮތުން އައްޑޫގެ މީދޫއާއި ހުޅުދޫގައި ވަނީ ދެ ކައުންސިލް އުފެދިގެން ގޮސްފައި. އުފެދޭގޮތަށް ނިމި، އުފެއްދުމަށްޓަކައި މިވަނީ ފުރުސަތު ހުޅުވާލެވިފައި,"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މި އިންތިޚާބަކީ އައްޑޫއާއި މީދޫއާއި ހުޅުދޫގެ ތަރައްޤީއަށް ސަރުކާރާއެކު އެމަނިކުފާނު ވެފައިވާ ވަޢުދުތައް ފުއްދުމުގައި އެތައް ސްޕީޑެއް މައްޗަށް ޖެހިގެންދާނެ ފުރުސަތެކެވެ.
"އަޅުގަނޑާއެކީގައި ފުރިހަމައަށް މަސައްކަތްކުރާނެ އަޅުގަނޑުމެންގެ ޕާޓީގެ ޓީމް ހޮވައިދީ، އަޅުގަނޑަށް ޔަޤީން ދުވަހުން ދުވަހަށް ލޯކަލް ލެވެލްގައި ކުރަންހުރި ކަންކަން މީދޫއާއި ހުޅުދޫގައިވެސް އަދި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގައިވެސް އައްޑޫ ސިޓީގައިވެސް ހިނގަމުންދާނެ,"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވަމުންނެވެ.
"އެހެންވީމާ އަޅުގަނޑު ފުރިހަމައަށް ޔަޤީންކުރަން އައްޑޫގެ ލޮބުވެތި ރައްޔިތުންވެސް އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް,"
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ވާހަކަފުޅުން އެނގިގެންދަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމާއި، އެކަން ހާސިލުކުރުމަށްޓަކައި ސިޔާސީގޮތުން އެއްބާރުލުން ބޭނުންވާ މިންވަރެވެ. ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުންގެ ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު ބަދަލެއް ގެނެސްދޭނެ ކަމެއްކަން ރައީސް މުއިއްޒުގެ ވާހަކަފުޅުން ސާފުވެގެންދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

