ނިއުޔޯކް ސިޓީގެ ފަސްޓް ލޭޑީ ރާމާ ދުވާޖީއަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޝަޚުޞިއްޔަތެކެވެ. ސީރިއާ އަށް ނިސްބަތްވާ އެމެރިކާގެ ކުރެހުންތެރިއެއް ކަމަށްވާ ރާމާގެ ފެޝަނާއި އޭނާގެ ފެނުމަށް އޮތް ޝައުޤުވެރިކަން ބޮޑުވެގެން ދިޔައީ، ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އޭނާގެ ފިރިކަލުން ހޯއްދެވި ތާރީޚީ ކާމިޔާބީއާ ގުޅިގެންނެވެ. މިހާރު އޭނާގެ ސަޕޯޓަރުން އަންނަނީ ރާމާގެ އިސްތަށިގަނޑު ބަހައްޓާ ގޮތް ނަކަލުކުރަމުންނެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހު ސިޓީ ހޯލުގައި ޒޯހްރާން މަމްދާނީ މަޤާމުގެ ހުވާކުރެއްވި ފަހުން، ބައެއް ޒުވާން އަންހެނުން އަންނަނީ އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން "ރާމާ ކަޓް" ގެ ނަމުން މަޝްހޫރުވެފައިވާ ސްޓައިލަށް އިސްތަށިގަނޑު ކޮށަމުންނެވެ.
"ލޯންގްއިސްލާދޭޝް އަށް މަރުޙަބާ،" އޭނާގެ އިސްތަށިގަނޑު ރާމާގެ ސްޓައިލަށް ބަދަލުކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއްގެ ކެޕްޝަނުގައި ސަންޖޫ މުނީ ލިޔެފައިވެއެވެ.
މިކަމަށް އިތުރު ސަމާލުކަމެއް ލިބުނު އެއް ސަބަބަކީ، ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް އަދި ސެކަންޑް ލޭޑީ އުޝާ ވެންސް ފަދައިން، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަމްދާނީ މޭޔަރުކަމަށް ކުރިމަތިލެއްވި ފަހުން ރާމާ ވެސް އާންމުންގެ ތެރެއަށް މާ ބޮޑަށް ނުނިކުމެ ހުރުމެވެ. ނަމަވެސް، ފިރިކަލުން މޭޔަރކަމުގެ ހުވާކުރެއްވުމުގެ ހަފުތާއެއް ކުރިން، ޑިސެމްބަރު 23 ގައި ނެރުނު "ދަ ކަޓް" މަޖައްލާގެ ޚާއްޞަ އަދަދެއްގައި ރާމާ ވަނީ އޭނާގެ ތަރުބިއްޔަތާއި، ވަޒީފާގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކޮށްފައެވެ.
"ރާމާ" އަކީ ކޮބާ؟
ވޯގް މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތުގައި ރާމާގެ އިސްތަށިގަނޑު ކޮށާފައިވަނީ "ބޮބް" އަދި "ޕިކްސީ" ކަޓްގެ މެދު މިންވަރަކަށެވެ. މިއީ "ބިކްސީ" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ސްޓައިލެކެވެ. ނިއުޔޯކްގެ ސެލޫން އެސް.ސީ.ކޭ ގެ ހެއާ ސްޓައިލިސްޓް ޑެވިން ޓޮތް ބުނި ގޮތުގައި، 90 ގެ އަހަރުތަކުގައި މަޝްހޫރުވި މި ސްޓައިލް އަލުން މަޤުބޫލުވާން ފެށީ، މިއީ ކުރު އިސްތަށިގަނޑެއް ބަހައްޓަން ބޭނުންވާ މީހުންނަށް އަމިއްލަ ގޮތެއް ގެނައުމަށް ފަސޭހަ ސްޓައިލަކަށް ވާތީއެވެ.
ރާމާގެ އިސްތަށިގަނޑު ސްޓައިލްކޮށްދިން ޒޭވިއަރ ވެލާސްކޭޒް ބުނި ގޮތުގައި، މި ސްޓައިލް ތައްޔާރުކުރުމުގައި އޯޑްރީ ހެޕްބާން، ޓޭލާ ރަސެލް އަދި ކެލްސީ އެސްބިލް ފަދަ ތަރިންގެ ސްޓައިލްތަކަށް ބަލާފައިވާނެއެވެ.
"އަހަރެން ބޭނުންވީ ރާމާގެ ޠަބީޢީ ސިފަ ގެއްލުވައިނުލައި، އޭނާއަކީ ކުއީންސްގައި ދިރިއުޅޭ ކުރެހުންތެރިއެއްކަން ދައްކުވައިދެމުން އޭނާ ފެންނަގޮތް އިތުރަށް ފުރިހަމަކޮށްދޭން،"
ވެލާސްކޭޒް ވޯގް މަޖައްލާއަށް މައުލޫމާތުދެމުން ބުނެފައިވެއެވެ.
"ރާމާގެ އުމުރަކީ 28 އަހަރު. އަހަރެން ބޭނުމެއް ނުވި އޭނާއަކީ ސިޔާސީ ބޭފުޅެއްގެ އަނބިކަނބަލުންގެ ގޮތުގައި ފެންނަ އާދައިގެ ސްޓައިލެއް ގެންނާކަށް."
ޒޭވިއަރ ވެލާސްކޭޒް އިތުރަށް ބުނެފައިވެއެވެ.
ސީރިއާ-އެމެރިކާގެ ކުރެހުންތެރިޔާ ރާމާ ދުވާޖީ ނިއުޔޯކްގެ ފަސްޓް ލޭޑީގެ ގޮތުގައި ފެންނަނީ، އާންމުކޮށް ސިޔާސީ ބޭފުޅުންގެ ފަރާތުން ފެންނަ ގޮތާ ތަފާތު، ޒަމާނީ އަދި ފަންނީ ސްޓައިލްތަކުންނެވެ.
"އަހަރެން ފެޝަނަށް ލޯބިކުރަން، އަދި ކަންކަން އުފެއްދުންތެރި ގޮތަކަށް ރޭވުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް،"
ރާމާ ބުނެފައިވެއެވެ.
ވެލާސްކޭޒް ގެނައި މި ބަދަލަށް ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާއިރު، ބައެއް މީހުން މިއީ މިހާރުގެ އެންމެ "އިޓް ގާލް" ހެއާކަޓްގެ ގޮތުގައި ސިފަކުރެއެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ މިއީ ކޮންމެ މީހަކާ އެހާ ފަސޭހައިން ގުޅޭނެ ސްޓައިލެއް ނޫން ކަމަށެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި، ކުރިން މަޝްހޫރުވި "ރޭޗަލް" ކަޓަށް ވުރެ މިހާރު "ރާމާ" ކަޓް މާ ފުރިހަމައެވެ. އަދި ބައެއް ޒުވާނުން ބުނާ ގޮތުގައި ރާމާ ފެންނަނީ ޕްރިންސެސް ޑަޔާނާގެ ޒަމާނީ ސިފައެއްގެ ގޮތުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

