"ގޯލްޑަން ފުޓްސަލް ޗެލެންޖް" ގައި ސ. ހުޅުދޫ ތަމްސީލުކުރާ ޓީމުގެ ކުޅުންތެރިންނާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ބައްދަލުކުރައްވައި، ޓީމަށް ހިތްވަރު ދެއްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، މެންބަރު ޝާހިދު ވަނީ މުބާރާތުގައި ހުޅުދޫ ޓީމުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވައި، ކުޅުންތެރިންގެ އަޒުމް ވަރުގަދަކުރުމަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ރަށަށް ރީތި ނަން ހޯދައިދިނުމަށް އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ޝާހިދު އިތުރަށް ވިދާޅުވީ، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކުރުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަބަދުވެސް ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
މި ބައްދަލުވުމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އިތުރު ޖޯޝަކާއި ފޯރިއެއް އުފެދިފައިވާކަން ޓީމުގެ ފަރާތުން ފާހަގަކުރެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ ރަށްތަކުގެ މެދުގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު އެއް މުބާރާތަށް ވާއިރު، ހުޅުދޫ ޓީމުވަނީ މިމުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ހުޅުދޫގެ ޒުވާނުންނާއި ކުޅިވަރު ކުރިއެރުމަށް މެންބަރު ޝާހިދު ދެއްވަމުންދާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޓީމުގެ މެނޭޖުމަންޓުންނާއި ކުޅުންތެރިން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

